ވިސާއާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިފި
ތަޖިކިސްތާނަށް, ކުރިން ވިސާ ނެގުމަކާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެއެވެ.
ދިވެހިރާއްޖެއާ ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަދު ނިއުޔޯކްގައި އޮތް ބައްދަލުވުމެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ. ތަޖިކިސްތާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލްއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމާއެކު މިހާރުވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާ ނުލާ 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވެގެންދާނެ ކަމަށެވެ.