05 ފެބްރުއަރީ 2025

Advertisement

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލީހަށް ފޮނުވައިފި

12 ޑިސެމްބަރު 2024

ބޮޑެތި އަދަބުތަކާއެކު ގޭންގު ކުށްތައް ހުއްޓުވުމަށް "ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިނެވެ.

ބިލުގައިވާގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެއެވެ. އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާ އާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

Advertisement

އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ބިލުގެ ދަށުން ކުށެކެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާ 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެ އިތުރުން ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި ހެކިބަސްދޭ ފަރާތްތަކަށް ބިރުދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ބިލުގައިވަނީ ހިމަނުއްވާފައެވެ.

އިންތިޒާމުވެފައިވާ ކުށެއް ކުރުމުގައި ޤާނޫނީ ޝަހުސެއް ނުވަތަ އެ ޝަހުސެއްގެ މަސްއޫލުވެރި ފަރާތެއް ބައިވެރިވެއްޖެނަމަ އެ ޝަހުސެއް އުވާލުމާއެކު އެކުށެއް ކުރި މީހަކު 100،000 ރުފިޔާ އާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.

މި ބިލުގައިވާގޮތުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕަކާ ގުޅިފައިވާ މީހަކު ނުވަތަ ހޯދާފައިވާ މުއްސަނދިކަމަކީ ހުއްދަގޮތުގައި ހޯދާފައިވާ މުއްސަނދިކަމެއްކަން ސާބިތުކޮށްނުދެވޭ މީހެއްގެ މުއްސަނދިކަމަކީ ނުޙައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅުއްވޭނެއެވެ. ކޯޓުން އެގޮތަށް ނިންމާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށްވެސް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލުގައި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހުން މެރުމާއި، މާރާމާރީ ހިންގުމާއި ރަހީނުކުރުމާއި ބިރުދެއްކުމާއި ބޮޑު ޖިސްމާނީ އަނިޔާއެއް ދީފިނަމަ ދެވޭނެ އަދަބުތައްވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، މީހަކު މަރާލައިފިނަމަ މަރުގެ އަދަބު ދިނުމަށް ހިމަނުއްވާފައިވާއިރު އެހެނިހެން ކުށްތައް ކުރާ މީހުންނަށް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތަކާއި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި ހަތިޔާރު ގެންގުޅުމާއި އެފަދަ ހަތިޔާރު އުފެއްދުމާއި ރާާއްޖެ އެތެރެކުރުން ފަދަ ކުށްތައް ކުރާ ކަމަށް ތުހުމަތު ކުރެވޭނަމަ ކޯޓުއަމުރަކާނުލައި އެމީހަކު ހުއްޓުވައި ފާސްކުރުމާއި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް މި ބިލުގެ ދަށުން ލިބޭނެއެވެ. އަދި އޭގެ އިތުރުންވެސް ތަންފީޒީ އިދާރާތަކަށް މިފަދަ ކުށްތައް ހުއްޓުވުމަށް ގިނަ ބާރުތަކެއް މި ބިލުގެ ދަށުން ލިބިގެންދާނެއެވެ.

މީގެ އިތުރުން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ފަރާތްތައް އެ ވެށިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެފަދަ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާ ގުޅޭ ކަންކަންވެސް މި ބިލުގައިވަނީ ބަޔާންކުރައްވާފައެވެ.

Advertisement

ކޮމެންޓް