ހައުސިންގެ މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރަމުންދާ ތަޙުޤީޤާއި ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
މި މައްސަލަ ދިވެހި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ގުޅިގެން ތަހުގީގު ކުރަމުންދާއިރު އޭސީސީން އެދިގެން މިއަދު ޕާސްޕޯޓު ހިފަހައްޓާފައި ވަނީ:
* ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
* ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް
* ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު
އަދި މިބޭފުޅުންގެ އިތުރުން ހައުސިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަޙްމަދު ވިޝާންގެ ޕާސްޕޯޓް ވެސް ވަނީ މިއަދުގެ ވަގުތެއްގައި ހިފަހައްޓާފައެވެ.
މި މައްސަލައާ ގުޅުންހުރި ހައުސިން މިނިސްޓްރީގެ 10 ބޭފުޅެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ ބޭފުޅުން ހިމެނޭ ގޮތަށް މިހާތަނަށް 20 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.