ރާޖު ކުމާރު ހޯދުން ހުއްޓާލި ކަމަށް ބުނެވުނީ އޮޅުމަކުން: އެމްއެންޑީއެފް
މިދިޔަ ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީން ފުރައިގެން މާލެ އަށް ދަތުރުކުރި "ސީމެކްސް" ބޯޓުން ގެއްލުނު ނޭޕާލްގެ ފަޅުވެރިއެއް ކަމަށްވާ ރާޖު ކުމާރު ހޯދުމުގެ މަސައްކަތް ހުއްޓާލި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ރާޖު ކުމާރު ހޯދުމުގެ މަސައްކަތް ހުއްޓާލި ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށާއި އަދި އެ ކަމަށް މައާފަށް އެދޭ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ "ސީމެކްސް" ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް، އޮޔާ އެކު މީހާ ލައްގާނެ ކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި މިއަދު ސާޗް އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. މީގެ އިތުރުން އެމްއެންޑިއެފުން ބުނީ ވައިގެމަގުން އެ ސަރަހައްދުން ދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުފަހަރާ ގޯސްޓްގާޑުން ވެސް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ވިދާޅުވެފައިވަނީ ރާޖު ކުމާރު ބޯޓުގައި ނެތް ކަން އެނގުނީ އެ ބޯޓު އައްޑޫ އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވައިކަމަށެވެ. އެއީ ފުވައްމުލަކާ 8 މޭލު ދުރުންނެވެ.
ސީމެކްސް ބޯޓު އައްޑޫން ފުރީ ޑިސެމްބަރ 17 ވަނަ ދުވަހުގެ ރޭ 11:30 ހާއިރެވެ. ބޯޓު ފުރިއިރު އޭގައި ރާޖް ކުމާރު ހުރި ކަމަށާއި އެރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.