05 ފެބްރުއަރީ 2025

Advertisement

24 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ފަށައިފި

21 ޑިސެމްބަރު 2024
ސައުވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ފެށުން / ފޮޓޯ: އެމްއެންޑީއެފް

ސައުވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި އިފުތިތާހުކޮށްފިއެވެ.

މި ކޭމްޕް އިފުތިތާހު ކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެެ ކޮމާންޑިން އޮފިސަރު އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް އެވެ.

މިއަދުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި 66 ފިރިހެން އަދި 54 އަންހެން ކެޑޭޓުން ހިމެނެ އެވެ.

Advertisement

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން، ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ކޮންމެ ކެޑޭޓަކު ވެސް ހިތްވަރާ އެކު މަަސައްކަތްކޮށް، ކޭމްޕްގައި އުނގަންނައިދޭ ޢިލްމާއި ހުނަރުގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް ވަނީ ނަޞޭޙަތްތެރިވެފަ އެވެ. އޭގެ އިތުރުން ކޮންމެ ކެޑޭޓަކު ވެސް ވާދަވެރި ރޫޙެއްގައި ކޯހުން ވަނަ ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވެސް ހިތްވަރު ދެއްވި އެވެ.

މިރަސްމިއްޔާތުގައި ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން ޙަސަން އަކްރަމެވެ. ކެޑޭޓުންނަށް އިޤުރާރުލައިދެއްވީ ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަޙްމަދު ލަޠީފެވެ. މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މުދައްރިބުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުންނެވެ. އަދި ސްކޫލުތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން ތަޢުލީމީ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސަނީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރއިންނެވެ. މި ކޭމްޕުގެ މުއްދަތުގައި އެމްއެންސީސީގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރިވާނެއެވެ.

ކެޑޭޓް ކޭމްޕްގެ މަގްސަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމައު އަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ގައުމީ ރޫޙް އާލާކޮށް ދިރުވުމެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފު ކޮށްދިނުމާއި ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުން ހިމެނެ އެވެ.

Advertisement

ކޮމެންޓް