ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަނުކޮށްފި
ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަސްރީން މިއަދު އައްޔަންކޮށްފި އެވެ.
ނަސްރީން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު، މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕީއެސްއެމްއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށް ދެއްވަމުން ގެންދަވާ ނަސްރީން އަކީ މި ސަރުކާރުން އެ ކުންފުންޏަށް އައްޔަންކުރި 3 ވަނަ މެނޭޖިން ޑިރެކްޓަރެވެ. ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފުރަތަމަ އައްޔަނު ކުރީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރެވެ. އެއަށްފަހު އެ މަގާމަށް އައްޔަންކުރެއްވީ މުހައްމަދު ސައީދު އެވެ.
ނަސްރީން އެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން "އެކްސް" ގައި ޒީނާ ޒާހިރު ކުރެއްވި ޕޯސްޓެއްގައި ވަނީ ޒީނާގެ އެމްޑީ ކަމުގެ މުއްދަތުގައި ނަސްރީންގެ ފަރާތުން ލިބިވަޑައިގެން އެއްބާރުލުން ފާހަގަކުރައްވާފަ އެވެ.