މޫކޭ އާއި ރާއީ ޕޮލިހަށް ހާޒިރުކުރަނީ
އެމްޑީޕީން ސިލްސިލާ ގޮތެއްގައި މާލޭގައި ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ރާއީއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ރާއީ އާއި މޫކޭ ފުލުހަށް ހާޒިރު ކުރަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމުންނަށް ދަތިވާ ގޮތަށް އަމަލު ކުރުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތު ކޮށެވެ.
ރާއީއަށް ފުލުހުން ފޮނުވި ޗިޓުގައި ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 1 ޖަހާއިރަށެވެ. މޫކޭއަށް ފޮނުވި ޗިޓުގައި ހާޒިރުވާން އަންގާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2 ޖަހާއިރަށެވެ.
ރާއީ އާއި މޫކޭ އަކީ މުޒާހަރާތަކުގައި ލައުޑްސްޕީކަރުން ވާހަކަ ދައްކަވައި، ބައިވެރިން ގޮވައިގެން އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅުންނެވެ.
އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާތައް ފަށާފައިވަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރި ކަމަށް ބުނެ އެކަމާ މެދު އަޑުއުފުލުމަށެވެ.