ޔާމީންގެ އެސްކްރޯ އެކައުންޓްގެ މައްސަލައެއް މާދަމާއަށް ތާވަލްކޮށްފި
ކުރީގެ ރައީސް ޔާމީންގެ އެސްކްރޯ އެކައުންޓާ ގުޅޭގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް، ގިނަ ދުވަސްތަކަކަށްފަހު މާދަމާއަށް ތާވަލުކޮށްފިއެވެ.
އަންނަ އާދީއްތަ ދުވަހު ހެދުނު 11:15 އަށް ހައިކޯޓުގައި މި އަޑުއެހުން ތާވަލްކޮށްފައިވާއިރު، މި މައްސަލަ މިހާ ދުވަހު މަޑުޖެހިފައި އޮތީ ހައިކޯޓުގައި މީގެ ކުރިން ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ދުވަހު ފަނޑިޔާރު ޝަހީދު ވިދާޅުވެފައިވަނީ، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.
މި މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް ޔާމީނާ ދެމެދު ވެފައިވާ އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް، އެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ދޫނުކޮށް ހިފެހެއްޓި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކުން އުފަންވި މައްސަލައެކެވެ. ނަމަވެސް، އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު މިހާރު ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލުތަކެއް ގެނެސްފައެވެ.
ހައިކޯޓުގެ ތާވަލުން އެނގޭ ގޮތުގައި، މިހާރު މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ދާދި ފަހުން އެ ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއެވެ. ބެންޗުގެ ދެން ތިއްބަވާނީ ކުރިންވެސް މި މައްސަލަ ބެއްލެވި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.
މި މައްސަލައިގެ އަސްލު ދައުވާ ރައީސް ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭސީސީއާ ދެކޮޅަށެވެ. އެއީ އެސްކްރޯ އެކައުންޓުގައި ހުރި ފައިސާ އަނބުރާ ހޯދުމަށާއި، އެ ފައިސާ ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
ބީއެމްއެލް އިން ކޯޓުގައި ބުނަމުންދަނީ އެސްކްރޯ އެއްބަސްވުމަކީ ޔާމީނާއި އޭސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއް ކަމަށާއި، ބޭންކަކީ އޭގެ ބައިވެރިއެއް ނޫން ކަމަށެވެ. އެހެންކަމުން ބޭންކުގެ މައްޗަށް އެ މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ބީއެމްއެލް އިން ވަކާލާތު ކުރެއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށެވެ.
ހައިކޯޓުގައި މިހާރު ހިނގަމުންދަނީ ސިވިލް ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ބޭންކުން ހުށަހެޅި އިސްތިއުނާފީ މައްސަލައެވެ.
މި އިސްތިއުނާފީ މައްސަލައިގައި ގޮތެއް ނިމެންދެން، ސިވިލް ކޯޓުގައި ހިނގަމުންދާ އަސްލު މައްސަލަ މަޑުޖައްސާލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އަންނަ އާދިއްތަ ދުވަހު ބާއްވާ އަޑުއެހުމުގައި، ބެންޗަށް އައި ބަދަލާއެކު މައްސަލަ ކުރިއަށްދާނެ ގޮތެއް ސާފުވެގެންދާނެއެވެ.