އެމްއައިބީން އައިފޯނެއް ލިބޭ ކުއިޒެއް
ޑިޖިޓަލް ބޭންކިންއަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް "އެމްއައިބީ ޗެލެންޖް"ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުއިޒް މުބާރާތެއް ފަށައިފިއެވެ.
އެމްއައިބީން ތައާރަފުކުރި މި ކުއިޒް މުބާރާތަކީ، އެ ބޭންކުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކާއި އުފެއްދުންތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ، ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި މުބާރާތް ކުރިއަށްދާނީ އަންނަ އޭޕްރިލް މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށެވެ.
އެ މުބާރާތުގައި ބައިވެރިވުމަށްޓަކައި، އެމްއައިބީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފޮލޯކުރުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުއިޒް ފުރިހަމަކުރަންޖެހެއެވެ.
އެ ކުއިޒް އޮންލައިންކޮށް ފުރިހަމަކުރެވޭނެއެވެ.
އެމްއައިބީއިން ވަނީ, ކުއިޒްގެ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް އައިފޯން ހަދިޔާކުރުމަށް ނިންމާފައެވެ.
އެ ގުރުއަތުލުން ކުރިއަށްދާނީ ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ދަށުން ކަމަށާއި މުބާރާތުގެ ނަސީބުވެރިން އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ އަށްވަނަ ދުވަހު، އެ ބޭންކުގެ ރަސްމީ މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އެމްއައިބީން ވަނީ، "އެމްއައިބީ ޗެލެންޖް"އަކީ މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމަށާއި، ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، ޝަރުޢީ ހަމަތަކަށް ފެތޭ، ޒަމާނީ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމްއައިބީން ދޭ އިސްކަން ހާމަކޮށްދޭ ހަރަކާތެއްކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.