އަސްކަރީ އެއްވެސް ބޯޓެއް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުމެއް ނުކުރޭ
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅުންހުރި އެއްވެސް އަސްކަރީ ބޯޓެއް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައި ނުވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ސިވިލް އޭވިއޭޝަނުން ބުނީ ރާއްޖޭގެ ސިޔާދަތީ ވައިގެ ސަރަޙައްދުގެ ތެރޭގައި މެދުއިރުމަތީގައި ހިނގާ ހަނގުރާމައާއި ގުޅުންހުރި ބޭރުގެ އެއްވެސް ބާވަތެއްގެ އަސްކަރީ މަތިންދާބޯޓެއް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައި ނުވާ ކަމަށާއި އަދި ދަތުރުކޮށްފައި ނުވާ ކަމަށެވެ.
ސިވިލް އޭވިއޭޝަނުން މިހެން ބުނެފައިމިވަނީ އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އިން އެމެރިކާގެ އަސްކަރީ ދެ ބޯޓެއް ރާއްޖޭގެ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރު) މެދުވެރިކޮށް ދަތުރުކުރި ކަމަށް ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް މިހާރު ފަށާފައިވާ ހަނގުރާމާގައި އެއްވެސް ޤައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
"ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،" ހަލީލް ވިދާޅުވި އެވެ.