ގޯތި އޮތަސް ފްލެޓަށް އެދުމުގެ ފުރުސަތު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ޝަރުޠުތަކަކާއެކު ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު، ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލެއްވުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުގެ ބިންވެރިޔާ މަޝްރޫޢުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި، ގޯތީގައި ގެދޮރު އިމާރާތްކުރާނޭ ތަނަވަސްކަން ނެތް ފަރާތްތައް ތިބިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެފަދަ ފަރާތްތަކަށް ހައުސިންގ ޔުނިޓު ލިބިއްޖެނަމަ، ލިބިފައިވާ ގޯތި ދޫކޮށްލާ ގޮތަށް، މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނޭކަމަށެވެ. އަދި މިގޮތަށް ދޫކޮށްލާ ގޯތިތައް، ކުރީގެ ސްކީމުން ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަކަށް ދޭގޮތަށް، ނުވަތަ އާ ސްކީމެއް މެދުވެރިކޮށްގެންނަމަވެސް، އަދުލުވެރި ގޮތަކަށް، އަލުން ދޫކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދުތަކުގެ މަގުހެދުމާއި، އެސަރަޙައްދުތަކަށް ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތްދިނުމުގެ މަސައްކަތް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުންދާކަމުގެ ޔަޤީންކަންވެސް، އެމަނިކުފާނު ދެއްވިއެވެ.
އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، ހިނގަމުންދާ ދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މެދުވެރިކޮށް، އެތައް ހާސް ރައްޔިތުންނަށް އެ ދައުރުގެ ތެރޭގައި ފްލެޓް ލިބި، ހިކިފަސްތާކުން ގޯތިލިބޭނޭ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ބީ.އެމް.އެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢަކީ، 2028 ގެ ޖުލައި މަހާ ހަމައަށް ނިންމޭނޭ މަޝްރޫޢެއްކަމަށް ވިދާޅުވެ، އެ މަޝްރޫޢުގެ ހުރިހާ ހައުސިންގ ޔުނިޓުތަކުގައި އެހާތަނަށް މީހުން ދިރިއުޅޭނޭކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ. އަދި މިހާރު ހުޅުވާލާފައިވާ އަށްހާހެއްހާ ފްލެޓްގެ ސްކީމަކީވެސް، މި ދައުރުގެ ތެރޭ ނިންމުމަށް ގަސްދުކުރައްވާފައިވާ ސްކީމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޭރުގެ އެހީގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަދާހަމަވެސް ގާތުން ބައްލަވަމުންގެންދަވާކަމަށާއި، އަތޮޅު ތެރޭގައި ހިންގާ މަޝްރޫޢުތައްވެސް، ދައުރުގެތެރޭގައި ނިންމޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.