މާދަމާއިން ފެށިގެން އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް
އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރައްވައި، 1 އެޕްރީލް 2026 އިން ފެށިގެން އިތުރު ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. 1 އެޕްރީލު 2026 އިން ފެށިގެން އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ކަނޑައަޅުއްވާފައިވާ އުސޫލުގެ ތެރޭގައި އިތުރަށް ހިމަނުއްވާފައިވާ ހާލަތްތަކުގެ ތެރޭގައި، އެނދުމަތިކުރެވިފައިވާ ( ބެޑްރިޑެން ) ފަރާތްތައް، އައުޓް ޕޭޝަންޓްގެ ޚިދުމަތަށް ގެނެވޭ ހާލަތްތަކާއި، ވީލްޗެއަރގައި ގެންގުޅެންޖެހޭ ފަރާތްތައް ( ވީލްޗެއަރ ބައުންޑް ) އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނެވޭ ހާލަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ( ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް އަދި ޑައުންސިންޑްރަމް ހުންނަ ފަރާތްތައްވެސް ހިމެނޭހެން ) އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނެވޭ ހާލަތްތަކާއި، ސިއްޙީ މަރުކަޒުގައި އެނދުމަތިކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަކަށް ނުވަތަ ތަޚްލީލަކަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ ހާލަތްތަކާއި، އިވެކުއޭޓް ކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފަރ ކުރެވޭ ހާލަތްތަކުގައި ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމުގެ އިތުރުން ތެލެސީމިއާ ބަލި ތަހައްމަލް ކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނެވޭ ހާލަތްތައް ހިމެނެއެވެ.
ހަމަމިއާއި އެކު މިހާރުވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެމުންދާ އިމަރޖެންސީ ނުވަތަ ކުއްލި ހާލަތުގައި މީހުން ގެނައުމަށާއި، މައްޔިތުން އެމްބިއުލާންސްގައި އުފުލުމަށް އާސަންދައިގެ ޚިދުމަތް ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވާ މިކަމަށް ލުއިތަކެއް ބޭނުންވެފައިވާ ޚިދުމަތެއް ކަމަށްވާތީ، މިއީ ކަމާއިގުޅުންހުރި ދާއިރާތަކާއިއެކު މަޝްވަރާކުރައްވައި، ފަންނީ ގޮތުންނާއި މާލީ ގޮތުން މިކަން ކުރިއަށްގެންދެވޭނެގޮތެއް ބައްލަވައި ހިސާބުތައް ބެއްލެވުމަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.