ދިރާގު ގޭމާސް ގިލްޑްއިން ގޭމް ކުޅުންތެރިންނަށް ހާއްސާ ގޭމްއޮން އެޑްއޮންތަކެއް
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ގޭމިންގ ކޮމިއުނިޓީއަށް ހާއްސަ "ގޭމްއޮން" ޑޭޓާ އެޑްއޮންތަކެއް ތައާރަފުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ގޭމިންގ ދާއިރާ ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑީޖީޖީއިން ކުރާ މަސައްކަތުގެ ދަށުން ތައާރަފުކުރި މި އެޑްއޮންތަކަކީ، ގޭމް ކުޅުންތެރިންނަށް ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު އިންޓަނެޓް ފޯރުކޮށްދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ގޭމް ކުޅޭ ފަރާތްތަކުގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި އެޑްއޮންތަކުގެ ދަށުން، ގޭމްއޮން ޕްލޭންތައް 100 ރުފިޔާއިން ފެށިގެން ލިބޭނެއެވެ. މި ޕްލޭންތަކުގެ ތެރޭގައި 100ޖީބީ، 200ޖީބީ އަދި ގޭމްއޮން ލިމިޓްލެސް އެޑްއޮންތައް ހިމެނެއެވެ. އަދި، މި އެޑްއޮންތައް 1 ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭނެއެވެ.
ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑީޖީޖީ ވެބްސައިޓް މެދިވެރިކޮށް ފަސޭހަކަމާއެކު މި އެޑްއޮންތައް އެކްޓިވޭޓްކުރެވޭނެއެވެ. އެޑްއޮން އެކްޓިވޭޓް ކުރުމަށް، ޑީޖީޖީ ވެބްސައިޓްގެ 'ޕްރޮޑަކްޓްސް' އަށް ދިއުމަށްފަހު، ބޭނުންވާ އެޑްއޮންއެއް އިޚުތިޔާރުކޮށް، ފޯނު ނަންބަރު ޖަހައިގެން ކުރިއަށް ދެވޭނެއެވެ. އަދި ފޯނަށް ލިބޭ ވަން-ޓައިމް ޕާސްވޯޑް (OTP) ވެރިފިކޭޝަން ފުރިހަމަ ކުރުމަށްފަހު އެޑްއޮން ވަގުތުން އެކްޓިވޭޓްވާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމުގެ ގޮތުގައި، ޑީޖީޖީއިން ދަނީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތައް ބާރުވެރިކުރުވައި، މި ދާއިރާގެ މުސްތަގުބަލު ބިނާކުރުމުގައި އިސްދައުރެއް އަދާކުރަމުންނެވެ.