21 މޭ 2026

Advertisement

ޙައްޖުވެރިންގެ ފަހު ފްލައިޓު ފުރައިފި

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ހެނދުނު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަދު ފުރި ފަހު ފްލައިޓުގައި 253 ޙައްޖުވެރިން ވަނީ ދަތުރުކޮށްފައެވެ.

ރާއްޖެއަށް މިއަހަރު ލިބުނު 1,000 ޙައްޖު ކޯޓާގެ ދަށުން ހުރިހާ ޙައްޖުވެރިން މިހާރު ވަނީ ފުރާފައެވެ. މީގެ ތެރެއިން 500 ޙައްޖުވެރިން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ދަތުރުކުރިއިރު، ބާކީ ތިބި 500 މީހުން ދަތުރުކުރީ ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގައެވެ.

Advertisement

މި އަހަރުގެ ޙައްޖުވެރިން ފުރާފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެއީ ފުރަތަމަ ފްލައިޓުގައި 238 މީހުން، ދެވަނަ ފްލައިޓުގައި 260 މީހުން، ތިންވަނަ ފްލައިޓުގައި 268 މީހުން އަދި މިއަދުގެ ފަހު ފްލައިޓުގައި 253 މީހުންނެވެ.މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރީ "މައްކާ ރޫޓް" އިންތިޒާމުގެ ދަށުންނެވެ. މިއީ އާންމުކޮށް 20,000 އަށްވުރެ ގިނަ މީހުން ޙައްޖަށްދާ ގައުމުތަކަށް ދޭ ފުރުސަތެއް ނަމަވެސް، ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް މި ހާއްސަ ފުރުސަތު ދީފައެވެ. މި އިންތިޒާމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމުގެ ކުރިން ސައުދީގެ އިމިގްރޭޝަން މަރުހަލާތައް ފުރިހަމަކުރެވެއެވެ.މި އިންތިޒާމުގެ ސަބަބުން ޙައްޖުވެރިން ޖިއްދާގެ އެއާޕޯޓުގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ޙައްޖުވެރިންގެ ލަގެޖްތައްވެސް ސީދާ ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ އިންތިޒާމު މި ޕްރޮގްރާމުގެ ދަށުން ހަމަޖެހިގެންދާނެއެވެ.

ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި ދިވެހި ޙައްޖުވެރިން ސައުދީ އަރަބިއްޔާގައި ޖުމްލަ 22 ދުވަސް ހޭދަކުރާނެއެވެ. ޙައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.

Advertisement

ކޮމެންޓް