ވިސާ ނުލިބުނު ކަމަށް ބުނެ އައް ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުން މިއަދު ހެނދުނު އުމްރާއަށް ދާން ތައްޔާރުވެ ތިބި މީހުންގެ ދަތުރު ފަހު ވަގުތު ކެންސަލްކޮށްފި އެވެ.
އެ ގްރޫޕުން އުމުރާއަށް ދިއުމަށް ހަމަޖެހިފައިވާ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތަށް" ކިޔައިދިން ގޮތުގައި އުމުރާއަށް ފުރުން އޮތީ މިއަދު ހެނދުނު އެވެ. އަދި އެ ގްރޫޕްގެ އެންގުމުގެ މަތިން އުމުރާވެރިން ފޮށި ވެސް އިއްޔެ ވަނީ ހަވާލުކޮށްފައި ކަމަށެވެ.
ނަމަވެސް ވިސާ ނުލިބުނު ކަމަށް އަންގައި އުމްރާއަށް ފުރަން ހަމަޖެހިފައިވާ ފަރާތްތަކުން ފޮށިތައް ބަލައި އައުމަށް އެ ގްރޫޕުން މިއަދު ހެނދުނު ވަނީ އަންގާފައިވާ ކަމަށެވެ.
މިއަދު އުމްރާއަށް 181 މީހަކު ފުރަން ތައްޔާރަށް ތިބި ކަމަށާއި ސަފާ ގްރޫފްގެ ފަރުވާކުޑަކަމުގެ ސަބަބުން އެ ފަރާތްތަކަށް މި ލިބުނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އުމުރާއަށް ފުރަން ތައްޔާރުވެފައި ތިބި މީހުން ބުނެއެވެ.
"ވިސާ ނުލިބުނު ވާހަކަ ސަފާ ގްރޫޕުން އެ ބުނީ ފުރަން އޮތް ދުވަހު. ހުރިހާ ފަރާތްތަކުން ތައްޔާރީތަކެއްވެފައި ވަނީ. ބައެއް މީހުނަކީ އުމުރާއަށް ދިއުމަށް ރަށުން ބޮޑު އަގުގައި ފްލައިޓުން އައިސް ގެސްޓް ހައުސްތަކުގައި ތިބި މީހުން. ކިހާ ބޮޑު ގެއްލުމެއްދެއްތީ މި ލިބުނީ އަޅުގަނޑުމެނަށް." މައުލޫމާތު ދިން މީހަކު ބުންޏެވެ.
އުމުރާ ދަތުރު ކެންސަލް ވެފައިވާއިރުގައި އެ ފަރާތްތަކަށް ރީފަންޑް ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށް އޭނާ ބުންޏެވެ. އެ ގްރޫޕުން ބުނާ ގޮތުގައި އުމުރާއަށް ދިއުމަށް ހޮޓަލާއި އެހެނިހެން ކަންކަމަށް ވަނީ ފައިސާ ދައްކާފަ އެވެ. އެހެންކަމުން ރީފަންޑް ލިބޭނީ އެ ގްރޫޕަށް އެ ފައިސާ ލިބުމުން ކަމަށް ބުނެއެވެ.
މިއަދު ފުރުމަށް ހަމަޖެހިފައިވާ އުމްރާވެރިން ތިބި ގްރޫޕަށް ސަފާ ގްރޫޕުން ފަތިހު ކުރި މެސެޖެއްގައި ބުނެފައި ވަނީ މިއަދުގެ މިހާތަނަށް އައި އިރު ވެސް ސައުދީން އުމުރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ވާހަކަ ހިތާމައާއިއެކު ދަންނަވާ ކަމަށެވެ.
އެހެންކަމުން އެއްވެސް ބޭފުޅަކު ފުރުމަށް އެއާޕޯޓަށް ވަޑައިނުގަތުމަށް ވެސް ސަފާ ގްރޫޕުން ބުނެފައި ވެއެވެ. އެމެސެޖްގެ އިތުރުން އުމުރާ ދަތުރާއި ގުޅޭ އެއްވެސް މައުލޫމާތެއް ސަފާ ގްރޫޕުން ނުދެއެވެ.
ސަފާ ގްރޫޕުން އެންމެ ފަހު ވަގުތު ދަތުރު ކެންސަލް ކުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.