މުދައްރިސުންގެ އިތުރުގަޑީގެ ފައިސާ އަދި 'އެޓެންޑެންސް އެލެވެންސް' ނުލިބޭ މައްސަލަ ފެންމަތިވެއްޖެ!
މާލޭގެ
ބައެއް ސުކޫލުތަކުގައި މުދައްރިސުންލައްވައި އިތުރުގަޑީގައާއި ހޮނިހިރު
ދުވަސްތަކުގައި ގިނަވަގުތު ތަކެއްވަންދެން މަސައްކަތް ކުރުވުމަށްފަހު، ޤާނޫނުން
ލިބިދޭ އިތުރުގަޑީގެ ފައިސާއާއި އެޓެންޑެންސް އެލެވަންސް ނުދޭ މައްސަލައަށް
ހައްލެއް ނުލިބި، އެކަމާ ދެކޮޅަށް އަޑުއުފުލާ މުވައްޒަފުން "ލޭބަލް" ކުރަމުންދާ
ކަމުގެ ސީރިއަސް ޝަކުވާތަކެއް ފެންމަތިވެއްޖެ.
މިފަދަ ކަންކަން ހިނގަމުންދާ މަދު ސުކޫލުތަކުގައި މުދައްރިސުންނަށް ލިބެންޖެހޭ ހައްޤުނުލިބި، މައްސަލަ ހައްލުނުވެ ދިގުދެމިގެން ގޮސްފައިވަނީ މެނޭޖުމަންޓްގެ އަމަލުތައް ހުންގޮތުންނެވެ. އާއިލާއަށް ދޭންޖެހޭ ހަފްތާ ބަންދު ދުވަސްތައް ސުކޫލުން އަންގައިގެން ސުކޫލު މަސައްކަތުގައި ހޭދަކުރުމުން ލިބެންޖެހޭ ޙައްޤުތައް ހޯދުމަށް ސުކޫލުގެ އެކި ފަންތީގެ އިދާރީ ބޭފުޅުންނާ ވާހަކާދައްކާ މުދައްރިސުންނަށް، މެނޭޖުމަންޓުން ތަފާތުކުރުންތައް ގެންގުޅެ، "ބުލީ" ކުރަމުންދާ ކަމަށް މުދައްރިސުން ބުނެއެވެ.
އެގޮތުން ސަރުކާރު އެހެން ސުކޫލުތަކުގައި އަމަލު ކުރަމުންދާގޮތާ ހިލާފުވެ، މިފަދަ ސުކޫލުތަކުގެ މެނޭޖުމަންޓުން އެބޭފުޅުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމާލުމަށްފަހު، އަޑުއުފުލަމުންދާ މުވައްޒަފުންނަށް ފިއްތުންތައް ކުރިމަތިކުރުވާތީ، ޙައްޤު ހޯދަން ދާނެ އިތުރު ގޮތެއް ނެތި މުވައްޒަފުންތިބީ ގޮތް ހުސްވެ މަސައްކަތު މާހައުލު ދެކެ ފޫހިވެފައެވެ.
ވަޒީފާއާ ބެހޭ ޤާނޫނާ ޙިލާފަށް އިތުރުގަޑީގެ އިނާޔަތްތައްނުދީ، ޙައްޤުހޯދަން އުޅޭ މުވައްޒަފުންނަށް ނުފޫޒު ފޯރުވާ މައްސަލައިގައި، ކަމާބެހޭ އިދާރާތަކުން ޙާއްސަ ސަމާލުކަމެއްދީގެން އިންސާފު ހޯދައިދިނުމަށް މުދައްރިސުން އަންނީ އެދެމުންނެވެ. އަދި ކުރާ މަސައްކަތުގެ އުޖޫރަ ލިބުމުގައި ވަކި ސުކޫލަކަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ޖާގަނުދީ، ސަރުކާރު ހުރިހާ ސުކޫލެއްގައި މިފަދަ ކަންކަން ކުރިޔަށްދަނީ އެއްހަމަޔަކުންތޯ ބަލައި ކަށަވަރު ކޮށްދިނުމަށް މުދައްރިސުން އެދެއެވެ.