އިންތިހާބުން އެނގުނީ ސަރުކާރުގެ މަސައްކަތް ބަލައިގަންނަކަން
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގެ ނަތީޖާއިން ހާމަވަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ބަލައިގަންނަކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އެލްޖީއޭ ބޯޑުގެ އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީގެ ދެ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް، ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދީ، ޕީއެންސީގެ ދެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރަށު ކައުންސިލަރުންނާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށްވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
"މި އިންތިހާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަޝިޕާއި އިއްޒަތްތެރި މަޖިލިސް މެންބަރުންނާއި ހުރިހާ ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީ ތަކުގެ ރައީސުންނާއި އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވި އެވެ.
ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިހާބުވި ދެ ބޭފުޅުންނަކީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދާއި، ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިފައިވާ އިރު، އޭގެ ތެރެއިން 706 ފަރާތަކުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.5 ޕަސަންޓެވެ.