މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިނަދޫ ސިޓީއިން 4 މީހުން ހައްޔަރުކޮށްފި
ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ އެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށް 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ ގދ. ތިނަދޫ / މިނިވަންއައްސޭރި، އުމުރުން 36 އަހަރުގެ އަޙްމަދު ހާޝިމް އާއި ގދ. ތިނަދޫ / ވެހަފުލާ، އުމުރުން 25 އަހަރުގެ އަތޫފް އަޙްމަދު އާއި ގދ. ތިނަދޫ / ވިލާޑީލައިޓް، އުމުރުން 42 އަހަރުގެ ނާޖިދު އާއި ގދ. ގައްދޫ / ފުސްފަރާގެ، އުމުރުން 18 އަހަރުގެ މުޙައްމަދު ޝާއިފް ޖަލީލް ކަމަށް ވިދާޅުުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫގައި ހިންގި މި އޮޕަރޭޝަނުގައި 6.3 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.