ފަހާ ތަނެއްގައި އަންހެނަކާ ބެހުނު މީހަކު ހައްޔަރަށް
މާލޭގެ ފަހާ ތަނެއްގެ ތެރޭގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ފަހާ ތަނެއްގަ އެވެ.
އެ ތަނަށް އެއްޗެއް ފަހުވަން 19 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ދިޔުމުން، މިން ނަގަން ކަމަށް ބުނެ، ޗޭންޖިން ރޫމަށް ވައްދައި، ގަދަކަމުން އެ ކުއްޖާއާ ބެހެން އުޅުނު ކަމަށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކާ އެކު ރޭ ބުނެފައިވެ އެވެ. އެވެ. އަދި އެކަމުގެ ތެރޭގައި ބިދޭސީ މީހާ އެ އަންހެން ކުއްޖާގެ ކަރުގައި ހިފައި ޖިސްމާނީ އަނިޔާކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް ހައްޔަރުކުރި މިކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ.