ލެވަންޑޯސްކީގެ 100 ވަނަ ލަނޑާއެކު ބާސެލޯނާއަށް ފަސޭހަ މޮޅެއް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.
ބާސެލޯނާގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗާއެކު ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ބާސެލޯނާ ކުޅުނު ފަސް މެޗުން އެ ޓީމު ވަނީ 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ހޯދާފަ އެވެ. އެއްވަނައިގައި އޮތް އިންޓަރ އަށް 13 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ލިވަޕޫލް އަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. އެހެންކަމުން މިރޭ ލިވަޕޫލް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ އެ ޓީމަށް އެއްވަނަ މަގާމު ލިބޭނެ އެވެ.
ބާސެލޯނާގައި މި ސީޒަނުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާ ކަމުގައިވާ ލަމީން ޔަމާލް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.
ބާސެލޯނާއިން މުޅި މެޗުގެ 77 އިން ސައްތަ ޑޮމިނޭޓް ކޮށްފައިވާ މި މެޗުގައި ބްރެސްޓަށް ބާސެލޯނާގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލައެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މި މެޗުގައި ބާސެލޯނާއިން ބްރެސްޓްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 10 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑާއެކުގަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 100 ވަނަ ލަނޑެވެ.
މި ލަނޑާއެކު ލެވަންޑޯސްކީ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި 100 ގޯލު ޖެހި ތިންވަނަ ކުޅުންތެރިޔާ އަށެވެ. ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 141 ލަނޑު ޖަހާފަ އެވެ. އަދި އޭނާ އާއި އެންމެ ވާދަވެރި ލިއޮނެލް މެސީ ވަނީ 129 ލަނޑު ޖަހާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ބާސެލޯނާއިން 1-0 ގެ ލީޑެއް ހޯދާފައިވީ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޑެނީ އޮލްމޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރޮބަޓް ލެވަންޑޯސްކީ އެވެ.