ހުޅުމާލޭގެ ވޯޓާ ތީމް ޕާކްގެ މަސައްކަތް އަލުން ފަށަނީ
ހުޅުމާލޭގައި ހަދަން ފަށައި ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު ސަރަހައްދު އަލުން ތަރައްގީކުރަން ނިންމައި އެ މަސައްކަތް ބަޔަކާ ހަވާލު ކުރަން ތައްޔާރުވަމުން އަންނަހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ވޯޓާ ތީމް ޕާކަކާ އެކު ކުޑަކުދިން ކުޅޭ ސަރަހައްދެއް ތަރައްގީކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
ކުރިން އެ މަޝްރޫއު ހިންގަން ވޯޓާ ފްރޮންޓު ކިޔާ ކުންފުންޏަކާ ހަވާލުކުރީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. އެ މަސައްކަތް އޭރު އެ ކުންފުންޏާ ހަވާލުކުރީ 2018-2019 ހިސާބުގައި ނިންމާ ގޮތަށެވެ.
ނަމަވެސް އެ މަޝްރޫއު އޮތީ ކުރިއަށް ނުގެންދެވި ހުއްޓިފަ އެވެ.
ފަޒުލް ވިދާޅުވީ ތމްޕާކް ސަރަހައްދު ޕްލޭންކޮށް ޑިޒައިންކުރުމުގެ މަސައްކަތް ސްރީ ލަންކާގެ ބަޔަކާ އެކު ކުރިއަށް ގެންދަން އެމްއޯޔޫއެއްގައި ސޮއިކޮށް މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
"އީއައިއޭ ޕްރޮސެސް މިހާރު އެބަ ދޭ ކުރިއަށް.،ީ" އޭނަ ވިދާޅުވި އެވެ. "އައިއޭ ލިބުނުހާ އަވަހަކަށް އެތަނުގެ ބާކީ އޮތް ތަން އަޅުގަނޑުމެންގެ ހުޅުމާލޭން ނަގާ ވެލިން ހިއްކައިގެން އެ ސަރަހައްދު އިތުރަށް ތަރައްގީކުރުން އަމާޒަކީ."
ފަޒުލް ވިދާޅުވި ގޮތުގައި އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުން ކަމަށެވެ.