އުތުރު ކޮރެއާގެ މިސައިލް ވެއްޓުނީ ކަނޑަށް
އުތުރު ކޮރެއާއިން ޓެސްޓްކުރި ބެލިސްޓިކް މިސައިލެއް ކަނޑަށް ވެއްޓިފައިވާކަމަށް ޖަޕާނުގެ ޑިފެންސް މިނިސްޓްރީ އިން ބުނެފިއެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެއީ ޕިއޮންގްޔަންގް ކައިރިން ފޮނުވާލި އިންޓަމިޑިއަޓް ރޭންޖް ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭ ކަމަށެވެ.
ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއަށް ވެއްޓުނު ކަމެއް އެ މިނިސްޓްރީއަށް ނޭނގޭ ކަމަށް ޖަޕާނުގެ ޑިފެންސް މިނިސްޓަރު ނަކަތާނީ ޖެން ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ކޯސްޓްގާޑުން ދަނީ އެ ސަރަހައްދުގައި މައުލޫމާތު އެއްކުރަމުންނެވެ. އެ ސަރަހައްދުގައި އުޅަނދުތަކަށް ގެއްލުމެއް ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވަނީ ބުނެ އެވެ.
ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އުތުރު ކޮރެއާގެ ނިޔަތަކީ ކުރިއަށް އޮތް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމާ ގުޅޭ ގޮތުން ރިއެކްޓް ކުރުމެވެ.
އަދި އެއީ ޕިއޮންގްޔަންގްގެ މިސައިލް ތަރައްގީގެ ކުރިއެރުންތައް ދައްކާލުމަށް ކުރެވިދާނެ ކަމެއް ކަމަށް ވެސް ވެދާނެ އެވެ. އުތުރު ކޮރެއާއިން އެންމެ ފަހުން ފޮނުވާލީ ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭ މިސައިލެއް މިދިޔަ ނޮވެމްބަރު މަހު އެވެ. ހޯމަ ދުވަހު ލޯންޗު ކުރުމަކީ 2025 ވަނަ އަހަރުގެ ފުރަތަމަ ލޯންޗް އެވެ.