ޑިމޮކްރަޓްސްގެ ރައީސްކަމުން ޙަސަން ލަޠީފް އިސްތިއުފާ ދެއްވައިފި
ދަ ޑިމޮކްރަޓްސްގެ ރައީސްކަމުން އަލްއުސްތާޛް ޙަސަން ލަޠީފް އިސްތިއުފާ ދެއްވައިފި އެވެ.
ޙަސަން ލަޠީފް ވިދާޅުވީ އެ ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ޙަސަން ލަޠީފް ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ. އޭގެ ކުރިން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ މަގާމު ވެސް ޙަސަން ލަޠީފް ވަނީ އަދާ ކުރައްވައިފަ އެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަަނގު ދާއިރާގެ މެމްބަރުކަން ވެސް އަދާ ކުރެއްވި ޙަސަން ލަޠީފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ، އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބައިވުމުގެ ތެރެއިންނެެވެ. އޭގެ ފަހުން ޑިމޮކްރަޓްސްގެ އުފައްދަވައި، އެ ޕާޓީގެ ރައީސްކަމުގެ މަޤާމަށް ޙަސަން ލަޠީފް އިންތިޚާބުވީ، ޙުސެއިން އަމްރުއާ ވާދަކުރެއްވުމަށްފަހު އެވެ.
ޑިމޮކްރަޓްސްގެ ރައީސްކަމުގެ މަގާމުން ޙަސަން ލަޠީފް އިސްތިއުފާ ދެއްވާފައިވާއިރު، އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ހުންނެވި އަމްރު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިިގެން، އިދިކޮޅު އެމްޑީޕީ އަށް ސޮއި ކުރައްވައިފަ އެވެ.