ފްލެޓް ލިސްޓް ނެރޭނީ ވެރިފައިކުރުމަށްފަހު
ކުރީ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރުކުރަން އަލުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުއްތަލިބް ވިދާޅުވީ، ކުރީ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 4،000 މީހުންގެ ފޯމު އަލުން ވެރިފައިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"20،000 ފޯމު އަލުން ރީ އެވިއުލޭޓެއް ނުކުރާނަން. 4000 ފޯމު އަލުން ވެރިފައިކުރުމުގެ މަސައްކަތް މިކުރަނީ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވެރިފިކޭޝަން ޕްރޮސެސް ކުރަނީ ނޮވެމްބަރު 15، 2023 ގައި އާންމުކުރި ލިސްޓު ކަމަށެވެ.
އެ ޕްރޮސެސް ކުރިއަށްގެންދާ އިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދޫކުރާ އުސޫލަށް ބަލާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކުރަން ހުށަހެޅިދާނެ ކަމަށް ޕޯޓަލްގައިވާ ލިޔުންތަކަކީ ފޯމުތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ލިޔުންތައް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލިސްޓު ގެޒެޓް ކުރެވޭއިރު، ފޯމް ވެރިފައި ކުރުމުގައި މައްސަލައެއްވާނަމަ، އެކަން އެނގޭނެ ގޮތަށް ލިސްޓުގައި ބަޔާން ކުރެވި އިއުލާނުކުރެވިގެންދާނެ ކަމަށެވެ.
ފްލެޓް ލިސްޓުގައި ހިމެނިފައިވާ ފަރާތެއް ލިސްޓުން އުނިވާނަމަ އެއީ ކީއްވެކަން އާންމުނަށް އެނގޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި ލިސްޓާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.