މައްކާ ރޫޓް އިނީޝިއޭޓިވްގެ ވަފުދެއް ރާއްޖެ ވަޑައިގެންފި
ދިވެހިރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދާ މީހުންނަށް މުޅިން އަލަށް ތަޢާރަފުކުރާ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ޚިދުމަތް ފެށުމަށްޓަކައި ސައުދީގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދު ރާއްޖެއަށް ވަޑައިގެންފައިވަނީ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ޚިދުމަތް ދިނުމުގެ މަސައްކަތުގެ އެޑްވާންސް ޓީމެވެ. މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މަރުހަބާ ދެންނެވީ މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދާއި މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.
މި މަތީ ފަންތީގެ ވަފުދުގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީ އަދި އިމިގްރޭޝަންގެ އިސް ބޭފުޅުންގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންނެވެ. މި ވަފުދުން "މައްކާ ރޫޓް އިނީޝިއޭޓިވް" ރާއްޖޭގައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެއެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް" އަކީ ހައްޖުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. މި ޕްރޮގްރާމުގެ ދަށުން ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓުގައި ތިބެގެން ނިންމޭނެއެވެ. އަދި ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަންގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމާއި، ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މި ޚިދުމަތް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.