އިސްރާއީލަށް އޮތީ "ހޫނުމޫސުމުގެ" ދުވަސްތައްކަމަށް ޔަމަނުން ބުނެފި
ޒަޔަނިސްޓް ޔަހޫދީ ދައުލަތުން ސަންޢާގެ އެއަރޕޯޓަށް ދިން ވައިގެ ހަމަލާއިން ދޭހަވަނީ ޔަމަނުގެ ހަމަލާތަކުން އިސްރާއީލަށް ވޭންތައް ލިބެމުންދާކަން ކަމުގައި ޔަމަނުގެ ވެރިކަންކުރާ ކައުންސިލުން ބުނެފި އެވެ.
ޔަމަނުގެ ވެރިކަންހިންގާ އެންމެމަތީ ސިޔާސީ މަޖްލިސްގެ ރައީސް މަހުދީ އަލްމަޝާޠު އިސްރާއީލުގެ ހަމަލާ ކުށްވެރިކުރައްވަމުން ވިދާޅުވެފައި ވަނީ އިސްރާއީލުން "ހޫނުމޫސުމުގެ ދުވަސްތަކާއި" ކުރިމަތިލާން ތައްޔާރުވެ އޮތުމަށެވެ. ކުރިއަށް އޮތް ދުވަސްތަކަކީ ޔަހޫދީ އިސްރާއީލަށް ވަރަށް "ހޫނު" ދުވަސްތަކަކަށް ވެގެންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޔަމަނާ ދެކޮޅަށް އިސްރާއީލުން ހިންގާ ކޮންމެ ޢުދުވާނަކަށް ރައްދުދޭނެކަމަށާއި ޣައްޒާގައި ހިންގަމުންދާ ފަލަސްޠީނު ރައްޔިތުންގެ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓާނުލާހާ ދުވަހަކު ޔަމަނު އޮންނާނީ ޣައްޒާގެ ދިފާއުގައިކަމަށް މަޝާތު ވަނީ ވިދާޅުވެފަ އެވެ.
ޔަމަނާ ދެކޮޅަށް ކިތަންމެ ގިނަ ޢުދުވާނުތަކެއް ޔަހޫދީ އިސްރާއީލުން ހިންގިކަމުގައި ވިޔަސް ޔަމަނު ފަހަތަށް ނުޖެހޭނެކަމަށާއި ޔަމަނުން އިތުރު ހިތްވަރު ކުރިއަށްނެރެ އިސްރާއީލަށްދޭ މިސައިލް ހަމަލާތައް އިތުރުކުރާނެކަމަށް މަޝާޠު ވަނީ ވިދާޅުވެފަ އެވެ. އިސްރާއީލަށް އައިސް ފަލަސްޠީނުގެ ބިންތައް ވެރިކޮށްގެންއުޅޭ ޔަހޫދީނަށް ބުނަން އޮތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ޔަހޫދީން ހިމާޔަތްކޮށްނުދެވޭނެ ވާހަކައާއި އަންނަން އޮތް ދުވަސްތަކަކީ ހައިރާންކަންލިބޭނެ ވޭންދެނިވި ދުވަސްތަކެއް ކަމުގައި ވެގެންދާނެކަމުގެ ވާހަކައެވެ. އަދިވެސް އިންޒާރުދެއްވަމުން މަޝާޠު ވިދާޅުވެފައި ވަނީ ދުނިޔޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ މަތިންދާބޯޓް ކުންފުނިތަކުގެ ބޯޓުތައް އިސްރާއީލަށް ދަތުރު ނުކުރުމަށެވެ. އެއްވެސް އެއަރލައިނެއްގެ މަތިންދާބޯޓްތައް އިސްރާއީލުގެ ލުއްދުގައިވާ ބެންގޫރިއަން އެއަރޕޯޓަށް ދަތުރުކުރަން ނިންމާފައިވާނަމަ އެކަން ވަގުތުން ހުއްޓާލުމަށް ޔަމަނުން ވަނީ ގޮވާލާފަ އެވެ. އިސްރާއީލަށް ދަތުރުކޮށްގެން އެއްވެސް މަތިންދާބޯޓަކަށް ލިބޭ ގެއްލުމުގެ ޒިންމާ ޔަމަނުން ނުނަގާނެކަމަށާއި ޔަމަނުން މިހާރު ނިންމާފައި ވަނީ އިސްރާއީލު ކަނޑާއި ވައިގެ މަގުން ޙިޞޯރުކުރަންކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
ޔަމަނުގެ އޮފިޝަލް މަޝާޠުގެ ބަޔާން މިގޮތަށް އައިސްފައި ވަނީ އިސްރާއީލުގެ ބޮންއަޅާ މަތިންދާބޯޓުތަކުން ޔަމަނަށް އެންމެފަހުން ދިން ހަމަލާގައި ވެރިރަށް ސަންޢާގެ ވައިގެ ބަނދަރުގައި ހަލާކުނުވެ އެންމެފަހުން އޮތް ހަމައެކަނި ކޮމާޝަލް މަތިންދާބޯޓް އިސްރާއީލުން ގޮއްވާލުމާ ގުޅިގެންނެވެ.
ޔަމަނުގެ ޒަޢީމުންނާ ރައްޔިތުންގެ ހިތްވަރަށް ތާއީދުކުރާކަން ހާމަކުރަމުން ލުބްނާނެގެ ޙިޒްބުﷲގެ ފަރާތުން ނެރުނު ބަޔާނުގައި ބަޔާންކޮށްފައި ވަނީ އިސްރާއީލުން އެމެރިކާއަށް ދީމާވި ކަންކަމުން އަދިވެސް ޢިބުރަތެއް ހާސިލުކޮށްފައި ނުވާކަމަށެވެ. އިސްރާއީލަށްވުރެ ޢަސްކަރީގޮތުން މާ ބާރުގަދަ ޤައުމެއްކަމަށްވާ އެމެރިކާއިން ވަނީ ޔަމަނާ ކުރިމަތިލާ ދެން ހެދޭނެ އެހެންގޮތެއް ނެތިގެން ހަމަލާދިނުން ހުއްޓާލާފަކަމަށް އެބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.