ރައީސް އޮފީސް ކައިރީގައި "މީޑިއާ ފެންޑާ" ހުޅުވައިފި
ރައީސް އޮފީސް ކައިރި ގާއިމުކުރި "މީޑިއާ ފެންޑާ" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދި ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.
"މީޑިއާ ފެންޑާ" އަކީ ރައީސް އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، "މީޑިއާ ފެންޑާ" ގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސްގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަ ކޮށްދިނުމެވެ.
ރައީސް އޮފީހުގެ ދަށުން ހިންގާ ފެންޑާ އަށް ވަދެވެނީ އެ ކަމަށް ހާއްސަ ހުއްދަ އޮންނަ ނޫސްވެރިންނަށް އެކަންޏެވެ. އެ ފާސް ދޫކުރަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ.
"މީޑިއާ ފެންޑާ" އަކީ ގްރީން ޒޯނުގެ ސަރަހައްދުގައި ހުންނަ ޖާގައަކަށް ވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެސަރަހައްދަށް ވެސް ހިނގާނެ އެވެ.