އައު ޓާމިނަލުން ސީޕްލޭން ކައުންޓަރުގެ ޚިދުމަތް ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކަކުން ސީޕްލޭންތަކަށް ޚިދުމަތް ދޭން ފަށައިފިއެވެ.
އައު ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތަކުގެ ޚިދުމަތް ފަށާފައިވާއިރު އެ މަސައްކަތުގައި ސީޕްލޭނަށް ޗެކިންވާ ފަރާތްތައް، ސީޕްލޭން ޓާމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުން ކުރާނެ ބަސް ރޫޓުތައްވެސް ވަނީ ކަނޑައަޅާފައެވެ.
އެމްއޭސީއެލްއިން ވަނީ، ބަސް ރޫޓުތައް ކަނޑައެޅުމާއެކު އެއާޕޯޓުގެ އައު ޓާމިނަލުގެ އެރައިވަލް ގޭޓް 4 ދެކުނު ޕާކިން ޒޯން ބޭނުން ކުރާނީ، ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލް ސްޓާފް ބަސްތައް ބެހެއްޓުމަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިނޫން ފަރާތްތަކުން މި ސަރަޙައްދު ބޭނުން ނުކުރުމަށް އެމްއޭސީއެލްއިން ވަނީ އަންގާފައެވެ. އެކުންފުނިން ވިދާޅުވީ މި ނޫން އުޅަނދުތައް އެ ސަރަޙައްދަށް ވަދެ، ނިކުތުމާއި އެ ސަރަޙައްދުގައި ބަހައްޓާފައިވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ޕާކް ކުރުމަކީ މަނާކަމެއް ކަމަށެވެ.
އައު ޓާމިނަލުގައި ސީޕްލޭންތަކަށް ޚިދުމަތް ދިނުމަށް ޙާއްޞަ ކޮށްގެން 24 ޗެކިން ކައުންޓަރ ވަނީ ޤާއިމްކޮށްފައެވެ. ރާއްޖެއަކީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަ ޤައުމު ކަމަށްވާއިރު، އައު ޓާމިނަލުން ޚިދުމަތް ފެށުމުން އެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަވާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލުން މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ޚިދުމަތް ދޭން ފަށާފައިވާއިރު، މިހާރު ރާއްޖެއަށް ދަތުރު ކުރާ 41 އެއާލައިނެއް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފައެވެ.