ވަތަނީ ޚިދުމަތުގެ ބައިވެރިން ފަންނީ ތަމްރީންނަށް ކިހާދޫއަށް!
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ފުރިހަމަކުރި ބައިވެރިންގެ ތެރެއިން، ބައެއް ބައިވެރިން ފަންނީ ތަމްރީނަށް ބ.ކިހާދޫއަށް ފުރައިފިއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ދަރިވަރުންނަކީ، މިދިޔަ ޑިސެމްބަރުމަހުގެ 15ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި މި ތަމްރީނު ޕްރޮގްރާމަށް ޝައުޤުވެރިކަން ފާޅުކުރި ދަރިވަރުންކަމަށެވެ.
އެގޮތުން ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ ކުދިން މިފަހަރުގެ ޕްރޮގްރާމުގައި ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިފަހަރުގެ މި ޕްރޮގްރާމުގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވިއެވެ. އޭގެތެރޭގައި ހިމެނެނީ 54 ފިރިހެން ބައިވެރިންނާއި 16 އަންހެން ބައިވެރިންނެވެ.
ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގް އެންޑް ލޮޖިސްޓިކްސްގައެވެ. މިއީ 4 މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3ގެ ސެޓްފިކެޓެއް ލިބޭނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ, ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ފުރަތަމަ ބުރުގެ ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވީ ޑިސެމްބަރުމަހުގެ 28ވަނަ ދުވަހުއެވެ. މި ބުރުގައި 344 ދަރިވަރުން ދަސްވެނިވިއެވެ.