17 ޖެނުއަރީ 2026

Advertisement

އާޒިމަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

17 ޖެނުއަރީ 2026

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ވާދަކުރަން އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރެއްވި މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އާޒިމަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެ ޕްރައިމަރީގައި އާޒިމާ ވާދަކުރެއްވި އަލީ އާޒިމް ކުރެއްވި ހިތްވަރަށް ވެސް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދަކީ އެ ޕްރައިމަރީގައި އަލީ އާޒިމަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އަދި މި ދެ ބޭފުޅުންނަކީ އެމްޑީޕީ ދޫކޮށްލައްވައި 2023 ގައި ދަ ޑިމޮކްރެޓިކް ޕާޓީ ވަޑައިގެންނެވި ބޭފުޅުން ވެސް މެ އެވެ. ނަމަވެސް ނަޝީދާއި އާޒިމް ވެސް ފަހުން ވަނީ ޑިމޮކްރެޓްސް ދޫކޮށްލައްވައި އަލުން އެމްޑީޕީ އަށް ބަދަލުވެވަޑައިގެންފަ އެވެ.

Advertisement

އަލީ އާޒިމަކީ ކުރިން މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.

މާލެ ސިޓީގެ މޭޔަރުކަމުގެ ދެވަނަ ވާދަކުރައްވަން ވާދަކުރައްވަން އާޒިމް އެމްޑީޕީގެ ޓިކެޓް ހޯއްދެވި އިރު، އޭނަ މޭޔަރުގެ މަގާމަށް ވަޑައިގަތީ 2024 ގަ އެވެ. އެއީ އޭގެ ކުރިން މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މޭޔަރުގެ މަގާމު ހުސްވުމާ ގުޅިގެން ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ.

މި ފަހަރުގެ ޕްރައިމަރީގައި ވާދަކުރެއްވި ދެ އާޒިމަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޕޯސްޓްގައި ޕްރައިމަރީގެ އިންތިޒާމުތައް ފުރިހަމަކަން ފާހަގަ ކުރައްވައި ޕާޓީ އަށް ވެސް މަރުހަބާ ވިދާޅުވެފައިވެ އެވެ. އަދި ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ކުރެއްވި ހުރިހާ މެންބަރުންނަށް ވެސް މަރުހަބާ ވިދާޅުވެއްޖެ އެވެ.

Advertisement

ކޮމެންޓް