17 ޖެނުއަރީ 2026

Advertisement

ރައްޔިތުންގެ އިތުބާރު ޕާޓީތަކަށް ގެއްލިއްޖެ: އުމަރު

17 ޖެނުއަރީ 2026

ސިޔާސީ ޕާޓީތަކުން ރާއްޖެއަށް ގެނެސްދިނީ ކޮރަޕްޝަނާއި އިސްރާފު ކަމަށާއި ދެން އޮންނަ ރިޔާސީ އިންތިހާބެއްބުގައި ހުރިހާ ޕާޓީތަކެއް ކަފުން ކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީއާ ގުޅުވައި އުމަރު މިއަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ ޕްރައިމަރީގައި ވޯޓުލާން ނެރެވުނު މީހުން އަދަދުން، ޕާޓީތަކަށް މީހުން ކުރަމުން އައި އިތުބާރު ގެއްލިފައިވާކަން ހާމަވާ ކަމަށެވެ. އެގޮތުން، ޕާޓީގެ އެންމެ މަތީ ދެ ލީޑަރުން ނުކުންނަވައި ކެމްޕެއިން ކުރައްވައި، 54،680 މީހުންނަށް ވޯޓްލެވޭ މާލޭން ވޯޓުލާން ނެރެވުނީ އެންމެ 2،436 މީހުން ކަމަށް އުމަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އެއީ މާލޭގެ ވޯޓުލާ އާބާދީގެ އެންމެ ހަތަރު ޕަސެންޓެވެ.

Advertisement

އުމަރު ވިދާޅުވި ގޮތުގައި މީގެ 15 އަހަރު ކުރިން ބޭއްވި ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކާއި މިއަދާ ބަލާއިރު، ސިޔާސީ ޕާޓީތަކުގެ އަވާ މެންދުރުން ދިވެހީން މިނިވަން ވެއްޖެކަން ޔަގީން ކަމަށެވެ. އޭނަ ވިދާޅުވީ ސިޔާސީ ޕާޓީތަކުން ރާއްޖެ އަށް ގެނެސްދިނީ ކޮރަޕްޝަނާއި އިސްރާފު ކަމަށެވެ އަދި ފާއިތުވި 20 އަހަރު ގައުމަށް ފަހަތަށް ގޮސްފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުން އަލަށް ކިޔައިދޭނެ ވާހަކައެއް ނެތް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިފަދަ ސަބަބުތަކާ ހެދި 2028ި ގެ ރިޔާސީ އިންތިޚާބުގައި ހުރިހާ ސިޔާސީ ޕާޓީތައް އެއް ސަންދޯކެއްގައި ކަފުން ކުރެވޭނެ ކަމަށެވެ.

އުމަރަކީ 2008 އާއި 2013 ގެ އިތުރުން، 2023 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައި ނާކާމިޔާވުވެފައިވާ ބޭފުޅެކެވެ. އެކަމަކު އުމަރު ގެންދަވަނީ 2028 އަށް ކެމްޕޭން ކުރައްވަމުންނެވެ.

Advertisement

ކޮމެންޓް