18 ޖެނުއަރީ 2026

Advertisement

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯއްޗާއި ފްލެޓަށް އެދި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ.

ގްރޭޓަ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަޙައްދުން 7،900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

Advertisement

އުސޫލަށް ބަދަލު ގެނެސްފައިވަ ނީ، މީގެ ކުރީގެ ސްކީމަކުން 1 ކޮޓަރި އަދި 2 ކޮޓަރި ލިބިފައިވާ މީހުންނަށް، ދަރިން ތިބި މިންވަރަށް ބަލާ ވަކި ޝަރުތުތަކަކާ ލައިގެން 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު ދިނުމަށެވެ. ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފުލެޓެވެ.

ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާ 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްޞަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީ ކުރުމަށް ދަތިވާ ގޯތިތަކާއި، ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ 1،500 ގޯއްޗެވެ.

ކޮންމެ މީހަކަށް ވެސް ފޯމު ހުށައެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ. އަދި އެ ސްކީމުގެ ވެސް އެއް ކެޓަގަރީއިންނެވެ.

މިފަހަރު ފްލެޓަށް އެދި ހުޅުވާލުމުގައި ވެސް މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގެ އިތުރުން ޚާއްޞަ ކެޓަގަރީތައް ހިމެނެ އެވެ. ޚާއްޞަ އިސްކަންދޭ ކެޓަގަރީގައި ހިމެނޭ 2،400 ފްލެޓް، އިތުރު 15 ކެޓަގަރީއަކަށް ބަހާލާފައިވެ އެވެ.

މި ފަހަރުގެ އުސޫލުފައިވާ ގޮތުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ މި މަހުގެ 14 ގެ ނިޔަލަށެވެ. އަދި ޚާއްސަ ޚާލަތާ ގުޅިގެން މެދުކެނޑުމެއް އައި ނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެ އެވެ.

ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެމީހެއްގެ އާމްދަނީ އާއި ދިރިއުޅުމުގެ ޙާލަތަށެވެ.

ފޯމު ހުށައެޅުމުގެ ސުންގަޑިތަކަށް ބަލާ އިރު، ގޯއްޗަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މާޗް މަހުގެ 4 ވަނަ ދުވަހުގެ ރޭ ރޭގަނޑު 12:00 އަށެވެ. ފްލެޓްތަކަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ އެޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އަށެވެ.

Advertisement

ކޮމެންޓް