22 ނޮވެމްބަރު 2024

Advertisement

ކެޑޭޓް އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ނިމިއްޖެ

23 ފެބްރުއަރީ 2024

މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ އިންސްޓްރަކްޓަރުން ތަމްރީނުކުރުމަށް ސިފައިން ހިންގި "ކެޑޭޓް އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯސް 1-24" ނިމިއްޖެއެވެ.

ކޯސް ނިންމުމުގެ ގޮތުން މި މަހުގެ 22 ވަނަ ދުވަހު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ފައިނޭންޝަލް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމެންޓްގެ އެޗްއޯޑީ، މޭޖަރ މުޙައްމަދު ނާޞިރުއެވެ.

މި ކޯހަކީ، އެމްއެންސީސީގެ ފަރާތުން ރާއްޖޭގެ އެކި ސްކޫލުތަކުގައި ޤާބިލުކަމާއެކު މަސައްކަތްކުރާ ކެޑޭޓް އިންސްޓްރަކްޓަރުން ތައްޔާރުކުރުމަށް އެމްއެންޑީއެފްއާއި އެމްއެންސީސީ ގުޅިގެން ހިންގި ކޯހެކެވެ. އަދި މި ކޯހުގެ ތަމްރީނުތަކުގައި ކިޔަވައިދިނީ ސިފައިންގެ އިންސްޓްރަކްޓަރުންނެވެ.

Advertisement

މި ތަމްރީނުގެ ސަބަބުން، ކެޑޭޓް އިންސްޓްރަކްޓަރުންގެ ލީޑަޝިޕް ހުނަރު އިތުރުވެ، ދަށު ރޭންކުތަކުގެ ކެޑޭޓުންނަށް މެންޓަރކޮށް މަގުދައްކައިދިނުމުގެ ޤާބިލުކަން ކެޑޭޓް އިންސްޓްރަކްޓަރުންގެ ކިބައިގައި ތަރައްޤީވެގެންދާނެއެވެ.

ރާއްޖޭގެ އެކި ސްކޫލުތަކުން 33 ކެޑޭޓުން ބައިވެރިވި މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ، ކެޑޭޓް އިންސްޓްރަކްޓަރ، މުޙައްމަދު ނަޒީހް އަޙްމަދުއެވެ. އަދި، ކެޑޭޓް އިންސްޓްރަކްޓަރ، މުޙައްމަދު އަލޫޙް އަޙްމަދު ކޯހުން ދެވަނަ ހާސިލުކުރިއިރު، ކޯހުން ތިންވަނަ ހާސިލުކުރީ ކެޑޭޓް އިންސްޓްރަކްޓަރ، ޢަލީ ރަޖަބްއެވެ.

މި މަހުގެ 11 އިން 22 އަށް ކުރިއަށްދިޔަ މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ފުޓް ޑްރިލް، ރައިފަލް ޑްރިލް، ކޭން ޑްރިލް، ފްލެގް ޑްރިލްގެ އިތުރުން ފިޒިކަލް ފިޓްނަސް އަދި ސްވިމިންގ ހިމެނެއެވެ.

މި ރަސްމިއްޔާތުގައި އެންސީއޯ އެކަޑެމީގެ ޑައިރެކްޓަރ، މޭޖަރ މުޙައްމަދު ޝާހިދުއާއި، އެމްއެންސީސީގެ ޓްރެއިނިންގ އެންޑް ކޯޑިނޭޓިންގ އޮފިސަރ، ސާޖަންޓް މޭޖަރ ޒުހައިރު ޙުސައިންއާއި، ކެޑޭޓް އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯހުގެ ޕްރޮގްރާމް ކޯޑިނޭޓަރ، ސާޖަންޓް މޭޖަރ ޢަބްދުލްޢަޒީޒް އިބްރާހީމް އަދި އެމްއެންސީސީގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

Advertisement

ކޮމެންޓް