އަންހެނުންނަށް ހާއްސަ 100 މިލިއަންގެ ލޯން ސްކީމެއް
އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް އެސްޑީއެފްސީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައާރަފްކޮށްފި އެވެ.
މި ލޯން ސްކީމްތައް ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިން ސްކީމަކީ ސަރުކާރުގެ ހަފްތާ 14ގެ ވަޢުދު ފުއްދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
އެސްޑީއެފްސީން ބުނީ "ފަށާ މަދަދު" ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ޚިދުމަތްލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށް ކަމަށެވެ. އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި ފަސް 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށްޓަކައި 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.
"ފަށާ މަދަދު – ލީޒިން" ސްކީމްގެ މަޤްޞަދަކީ ދިވެހި ކަނބަލުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި، ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން ކަމަށް އެސްޑީއެފްސީން ބުނެ އެވެ.
އެ ގޮތުން އަހަރަކު 8 އިންސައްތައިގެ އިންޓްރެސްޓާއެކު ލީސިން ފައިނޭންސްގެ ގޮތުގައި 10،000 ރުފިޔާއާއި 100،000 ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް އެ ސްކީމުގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ހަރުމުދާ ގަނެދެވޭނެ އެވެ. އެ ސްކީމުގެ ދަށުން ހޯދައިދެވޭ މުދަލަށް ފައިސާ އަނބުރާ ދެއްކުމަށް ގިނަވެގެން 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެ އެވެ. އަދި ޖުމްލަ ގޮތެއްގައި 5 އަހަރު ދުވަހަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކުމުގެ ލުއި ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް އެސްޑީއެފްސީން ބުނެ އެވެ.
އެސްޑީއެފްސީން ފަށާ މަދަދު ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. އަދި ފަށާ މަދަދު ލީސިންގަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.