ޣައްޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 30،000އަށް
ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 30،000އާ ގާތްކޮށްފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ޢުދުވާނުގެ ދަށުން ޣައްޒާގެ ޢާންމު ރައްޔިތުންގެ ގެދޮރާއި ހަސްފަތާލުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމުގައެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކު ޒަަޚަމުކޮށްލާފައިވާ ކަމުގައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޣައްޒާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 69,616އަށް އުފުލިފައެވެ.
ފާއިތުވި ހަތަރު މަސް ދުވަހު ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި އެ ސަހަރުގެ ބޮޑު ބައެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. ޢާންމުންގެ ގެދޮރު ވަނީ ބިމާ ހަމަކޮށްލާފައެވެ. ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޮޮން އަޅައި އެ ތަންތަން ވަނީ ބަންދު ކުރަން މަޖުބޫރު ކުރުވާފައެވެ. މިހާރު ޞިއްޙީ ފަރުވާ ދެނީ މަދު ޢަދަދެއްގެ ހަސްފަތާލަކުންނެވެ.
އދއާއި އިންސާނީ އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ބުނީ ޣައްޒާގެ ރައްޔިތުން ނިކަމެތި ކޮށްލާފައިވާ ކަމުގައެވެ. އަދި ޔަހޫދީންގެ މިސައިލްތަކާއި ބޮންތަކުގެ އިތުރުން ބަލިމަޑުކަމަކީ ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި އެ އިދާރާތަކުން ބުނެއެވެ. ޣައްޒާގައި ކޮލެރާއާއި ބޭރަށް ހިންގުން ފަދަ ނުރައްކާތެރި ބަލިތައް ފެތުރެމުންދާއިރު, ޣައްޒާއިން ކާބޯތަކެތި ހުސްވެފައިވާ ކަމުގައި ވެސް އެ ޖަމުޢިއްޔާތަކުން ބުނެއެވެ.
އދގެ އިންސާނީ ޚިދުމަތްތަކާ ބެހޭ އިދާރާއިން ބުނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައެވެ. އޮކްޓޫބަރުގައި ޢުދުވާންތައް ފެށުމުގެ ކުރިން ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައެވެ. ޔަހޫދީންގެ ހުރަސްތަކާ އެކު ޣައްޒާއަށް އެތެރެ ކުރެވެނީ މަދު ޢަދަދެއްގެ އެހީގެ ސާމާނު ކަމުގައި އދން ބުނެއެވެ. ނަމަވެސް ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން, ހާލުގައި ޖެހިފައިވާ މީހުންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފައެވެ.
ޣައްޒާގެ އުތުރުގެ ރަށްތަކަށް ދެމުން ދިޔަ ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތްވުމަށް އެ ރަށްތަކުގެ ރައްޔިތުން ވަނީ ޣައްޒާގެ ދެކުނަށް ހިޖުރަކޮށްފައެވެ. އޭގެ ތެރެއިން 1.5 މިލިޔަނެއްހާ މީހުން ދިރިއުޅެމުން ދަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައެވެ. ނަމަވެސް އެ ތަނުގައި ވެސް ރައްކާތެރި ކަމެއް ނެތެވެ. ޔަހޫދީ ފައުޖުން މިހާރު ދަނީ ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާންތައް ފުޅާ ކުރަން ތައްޔާރުވަމުންނެވެ.