ޕީއެންއެފް އުފައްދަން 3000 މެމްބަރުންގެ ފޯމު އީސީ އަށް
ޕީއެންއެފް އުފައްދަން 3000 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޕީއެންއެފްގެ ފަރާތުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުުރާ މުއްދަތުގައި 3060 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން ލަހެއް ނުވެ ޕީއެންއެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފައްދަން ހުށަހަޅާފައިވާ ޒެއިން އަބްދުﷲ ޔާމީނަށް އެ ކޮމިޝަނުން ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރަމުންދާ އެ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އެދި އިލެކްޝަނަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އެ ހުއްދަ ދީފައިވަނީ އެ މަހުގެ 29 ވަނަ ދުވަހެވެ.
އެ ދުވަހުން ފެށިގެން އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ފޯމު ފުރުމުގެ މަސައްކަތް ފަށައި، އެކަމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރ މަލީހު ޖަމާލު ވަނީ ތަފާތު އެކި ތާރީހުތައް ދީފައެވެ. އެހެންނަމަވެސް އެ ތާރީހުތައް ފަހަނައަޅައިދާތީ، އެންމެފަހުން މަލީހު ވިދާޅުވެފައިވަނީ އެޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާނީ ރައީސް ޔާމީން މިނިވަންވުމުން ކަމަށެވެ.
އެހެންނަމަވެސް މިއަދު ވަނީ އެޕާޓީ އުފެއްދުމަށް 3000 އަށްވުރެ ގިނަ ފޯމު އީސީ އަށް ހުށަހަޅާފައެވެ.
އެޕާޓީގެ މުއައްސިސްގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޑރ. މުހައްމަދު ޖަމީލު އަހުމަދު, ކުރީގެ ސީޕީ ހުސައިން ވަހީދު, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް، ޑރ. ޖިހާދު ހަސަން، ކަކާގޭ އަލީ އާދަމް އަދި ޔާމީންގެ ދަރިކަލުން ޒެއިން ހިމެނެއެވެ.