ދެވަނަ ދައުރަކަށް ޝެހްބާޒް ޝަރީފް ހޮވިވަޑައިގެންފި
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ޝެހްބާޒް ޝަރީފް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެވެ.
އާދީއްތަ ދުވަހު ގައުމީ މަޖިލީހުގައި ކުރިއަށްދިޔަ ވޯޓުގައި ޝަރީފަށް ވަނީ 201 ވޯޓު ލިބިވަޑައިގެންފަ އެވެ. ޖަލުގައި ބަންދުކޮށްފައިވާ ލީޑަރު އިމްރާން ޚާންގެ ތާއީދާއެކު އޭނާއާ ވާދަކުރެއްވި އުމަރު އަޔޫބް ޚާނަށް ލިބިވަޑައިގަތީ 92 ވޯޓެވެ.
ޝަރީފް ހުވާ ކުރައްވާނީ އަންނަ ހޯމަ ދުވަހު ކަމަށް ބެލެވެ އެވެ. ޝަރީފް ވަނީ ރިޔާސީ އިންތިހާބުގެ ކުރިން އޮގަސްޓް މަހު މަޖިލިސް އުވާލުމާ ހަމައަށް ބޮޑުވަޒީރުކަން ކުރައްވާފަ އެވެ. މިދިޔަ މަހު ނެގުނު ވޯޓުން އެއްވެސް ފަރާތަކަށް ކާމިޔާބު ނުވުމުން، އާއިލާގެ ކޮންޓްރޯލް އޮންނަ ދެ ޕާޓީއެއް ކަމަށްވާ ޕާކިސްތާން މުސްލިމް ލީގު-އެން އާއި ޕާކިސްތާން ޕީޕަލްސް ޕާޓީން އެންމެ ފަހުން ވަނީ ޝަރީފް ކެންޑިޑޭޓެއްގެ ގޮތުގައި ނަންގަވައިފަ އެވެ.
ޕާކިސްތާން މުސްލިމް ލީގު-އެންގެ އިސްވެރިޔަކީ ޝެހްބާޒްގެ ބޮޑުބޭބެ އަދި ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް ކަމަށާއި ޕާކިސްތާން ޕީޕަލްސް ޕާޓީގެ ކޯ ޗެއާމަންކަން ކުރައްވަނީ ކުރީގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ އެވެ.
އެހެންނަމަވެސް ކުރީގެ ބޮޑުވަޒީރު ޚާންގެ މިނިވަން ކެންޑިޑޭޓުން ވަނީ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދި ނަމަވެސް އެހެން މައިގަނޑު ޕާޓީތަކާ އެކު ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ދެކޮޅު ހައްދަވާފަ އެވެ. ޚާންގެ ވަފާތެރިން ވަނީ ކަމާބެހޭ ފަރާތްތަކުން ޕޯލްގައި ފުޅާދާއިރާއެއްގައި އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މި ތުހުމަތު ތައް އިލެކްޝަންސް ކޮމިޝަނާއި އިންތިހާބުތައް ސުޕަވައިޒްކުރި ކެއާޓޭކަރ ސަރުކާރުން ދޮގުކޮށްފަ އެވެ.
ޕާކިސްތާނުން ބޭނުންވަނީ "ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެސް އެކި ދާއިރާތައް އިސްލާހު ކުރުމަށް ފުން ސާޖަރީއެއް ކުރަން" ކަމަށް ޝަރީފް ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވުމަށް ފަހު އާދީއްތަ ދުވަހު ޕާލަމެންޓުގައި ވިދާޅުވި އެވެ. ޝަރީފް ރާވާފައި ވަނީ އައިއެމްއެފް އިން ސިފަކުރާ ގޮތުގައި "ބޯޑަރލައިން" މެނޭޖް ކުރެވޭ ދަރަނީގެ ސައިޒު މަޑުމަޑުން ކުޑަކުރުމަށެވެ.
ޕާކިސްތާން ޑޮލަރުގެ ބޮންޑްތަކުން އިންވެސްޓަރުންނަށް މިއަހަރު ގާތްގަނޑަކަށް %15 ގެ ކުރިއެރުމެއް ލިބުނުއިރު، މިއީ އޭޝިއާގެ އެންމެ ބޮޑު ކުރިއެރުމެކެވެ. ފައިސާގެ އަގު ގާތްގަނޑަކަށް %1 މައްޗަށް ގޮސްފައިވެއެވެ.
ޝަރީފް ވަނީ މިދިޔަ އަހަރު ޕާކިސްތާނުގެ މިހާރުގެ ތިން ބިލިއަން ޑޮލަރުގެ ލޯނު ޕްރޮގްރާމް ކަށަވަރުކޮށްދީ، ޑިފޯލްޓް ނުވުމަށް އެހީތެރިވެދީފަ އެވެ. އޭނާ ވަނީ އައިއެމްއެފްގެ ޝަރުތުތައް ފުރިހަމަ ކުރުމަށްޓަކައި ތެލުގެ ސަބްސިޑީ އުވާލުމާއި ހަކަތަގެ އަގު ބޮޑުކުރުން ހިމެނޭ ގޮތަށް މަގުބޫލުކަން ކުޑަ ފިޔަވަޅުތަކެއް އަޅާފައެވެ.
ބޭންކުތަކުން އިތުރު ލޯނު ދޫކުރުމަށް ޓާގެޓްތަކެއް ކަނޑައެޅުމަށް އޭނާ ވަނީ ރާވާފައެވެ. އަދި ދަނޑުވެރިންނަށް ސަބްސިޑީ ދިނުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ފެންވަރު ރަނގަޅު އޮށް އެތެރެކުރުމަށް ވެސް ސަރުކާރުން ރާވާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ހުކުރު ދުވަހު ވަނީ ގައުމީ މަޖިލީހުގެ ރައީސް ކަމަށް ޝަރީފްގެ ކެންޑިޑޭޓް އަޔާޒް ސާދިގު އިންތިހާބުކޮށްފަ އެވެ. ޕާކިސްތާނުގެ ރައީސަކު ހޮވަން މާޗް މަހުގެ ނުވަ ވަނަ ދުވަހު މަތީ މަޖިލީހާއި ދަށުގެ ޖޮއިންޓް ޖަލްސާއެއް ބާއްވަން ސާދިގު ގޮވާލާފައިވާ ކަމަށް ނެރުނު ބަޔާނެއްގައިވެ އެވެ. ދެ ފެޑެރަލް ހައުސް އާއި ހަތަރު ޕްރޮވިންސް އެސެމްބްލީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރަނީ ފަސް އަހަރަށެވެ.
ޝަރީފްގެ އިއްތިހާދުން ވަނީ ބިލާވާލްގެ ބައްޕަ އާސިފް އަލީ ޒަރުދާރީ ރައީސް ކަމަށް ކުރިމަތިލުމަށް އެއްބަސްވެފަ އެވެ. އިމްރާންގެ ސަޕޯޓަރުން ވަނީ އެމީހުންގެ ވާދަވެރިއަކަށް ޕަޝްތޫން ގައުމިއްޔަތު ވެރިއެއް ކަމަށްވާ މަހްމޫދު ޚާން އަޗަކްޒައި ހޮވާފައެވެ.