ވިލިމާލޭގެ ދެ ކަނޑުއޮޅި ބަންދުކޮށްފި
މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅި ބަންދުކޮށްފިއެވެ.
މިކަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ ހޯމަ ދުވަހު ސަރުކާރު ގެޒެޓުގައި އާއްމުކޮށް އަންގާ އިއުލާނުކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅި ބަންދުކުރަން ޖެހުނީ މިދެ ކަނޑުއޮޅިން ކަނޑުދަތުރު ކުރާ އުޅަނދުފަހަރު ދަތުރުކުރުން ތަކުރާރުކޮށް މަނާކޮށްފައިވާކަން އެންގުމުންވެސް އެކަން ނުހުއްޓާކަން މިނިސްޓްރީއަށް ފާހަގަވެފައިވާތީކަމަށެވެ.
ހާއްސަގޮތެއްގަައި ރިޒޯޓްތަކުގެ ސްޕީޑުބޯޓުފަހަރު މިދެ ކަނޑުއޮޅިން ދަތުރުކުރަމުން ގެންދާކަން މިނިސްޓްރީއަށް ފާހަގަވެފައިވާއިރު، އެ މިނިސްޓްރީން ބުނީ މާލެ- ތިލަފުށި ލިންކު މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި މިދެ ކަނޑުއޮޅީގައި ވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން މިދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމެއް ކަމެއް ކަމުގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް އަންގާފައިވާއިރު، ފެބުރުވަރީ މަހުގެ 22 ވަނަ ދުވަހު ވަނީ ވިލިމާލެ ވޯޓަރ ސްޕޯޓްސްއާ ދިމާއިން ކަނޑު މަތީގައި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވެސް ހިނގާފައެވެ. މި އެކްސިޑެންޓުގައި ޖުމްލަ 13 މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެތެރޭގައި އެފްކޮންސްގެ 10 މީހުންނާއި އަނަންތާރާ 3 ލޯންޗުގެ ތިން މީހަކު ހިމެނޭކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ގަވާއިދު ނަންބަރު 2023/R-50 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު 20 ވަނަ މާއްދާގެ (ށ)ގެ (23) ގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން، މަނާކޮށްފައިވާ ކަނޑުގެ ސަރަހައްދަކަށް ވަދެއްޖެ ނަމަ، އެ ފަރާތެއްގެ ލައިސަންސް 1 މަސްދުވަހަށް ހިފަހައްޓާނެކަމަށް ބުނެފައިވެއެވެ.