ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވަންގް ޔީ އިންޑިއާގެ ފޮރިން މިނިސްޓަރަށް ވިދާޅުވީ އޭޝިއާގެ ދެ އަވަށްޓެރި ގައުމުން އެމީހުންގެ ފުޅާ ބޯޑަރުގައި އުފެދިފައިވާ އަސްކަރީ ފިތުނަތައް މަދުކުރެވޭނެ ގޮތްތައް ހޯދަމުންދާއިރު ދެގައުމުގެ ގުޅުން ހަމައަކަށް އެޅެން ޖެހޭނެ ކަމަށެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އާސީންގެ ބައްދަލުވުންތަކުގެ ތެރެއިން ވަންގް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަހަމަންޔަމް ޖައިޝަންކަރަށް ވިދާޅުވީ ޝައްކުގެ ބަދަލުގައި ދެ ގައުމުގެ މެދުގައި އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އިންޑިއާ އާއި ޗައިނާގެ 3،800 ކިލޯމީޓަރު (2،360 މޭލު) ގެ ބޯޑަރެއް އޮންނައިރު، އޭގެ ބޮޑު ބައެއް ރަނގަޅަށް ފާހަގަކޮށްފައި ނުވާއިރު، 1962 ވަނަ އަހަރު ވަނީ ހަނގުރާމައެއް ވެސް ހިނގާފައެވެ.
1990 ގެ އަހަރުތަކުން ފެށިގެން ބޯޑަރު އެއްބަސްވުންތަކުގެ ސިލްސިލާއަކަށް ފަހު ގުޅުންތައް ރަނގަޅުވެފައިވާއިރު، ޗައިނާއަކީ މިހާރު އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ އެވެ.
ނަމަވެސް 2020 ވަނަ އަހަރު ބޯޑަރުގައި ހިނގި ހަމަނުޖެހުމެއްގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވުމުން ދެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ މަގާމުތައް ވަރުގަދަކޮށް ގިނަ އަދަދެއްގެ ސިފައިންނާއި ސާމާނު ބަހައްޓާފައެވެ.
ޗައިނާ އާއި އިންޑިއާ އިން އެއް ދިމާލަކަށް މަސައްކަތް ކުރަން ޖެހޭނީ ދެފަރާތުން ވެސް ގަބޫލުކުރާ ބޯޑަރު މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމަށް ވާންގް ޖައިޝަންކަރަށް ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ވިދާޅުވި އެވެ.
"ދެފަރާތުން އެކަކު އަނެކަކަށް ތާއީދުކޮށް، އެކުގައި ކަންކަން ފުރިހަމަ ކުރަން ޖެހޭ، އެއްބަޔަކު އަނެއްބަޔަކު ވަރުބަލިކޮށް ނުވަތަ އެއްބަޔަކު އަނެއްބަޔަކަށް ޝައްކު ކުރުމަށް ވުރެ،" ވަންގް ވިދާޅުވި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ބޯޑަރު މައްސަލަތަކާ ގުޅޭ ގޮތުން ދެން އޮންނަ ބުރުގެ އަސްކަރީ ކޮމާންޑަރ ލެވެލްގެ މަޝްވަރާތައް އަވަސް މުއްދަތެއްގައި ބޭއްވުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
2020 ވަނަ އަހަރުން ފެށިގެން ނިއުދިއްލީން ވަނީ ޗައިނާގެ ވިޔަފާރިތަށް ލިމިޓްކޮށް، ޓިކްޓޮކް ހިމެނޭ ގޮތަށް ޗައިނާގެ 300 އަށް ވުރެ ގިނަ އެޕް މަނާކޮށްފަ އެވެ. އަދި ޗައިނާގެ ކުންފުނިތަކުން ކުރާ އިންވެސްޓްމަންޓްތައް އޮބްޒާވް ކުރާ މިންވަރު ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
ޗައިނާގެ ކުންފުނިތަކަށް އިންޑިއާއިން ދާދި ފަހުން އަޅާފައިވާ ހުރަސްތަކާ ގުޅޭ ގޮތުން ވަންގް ވަނީ ޗައިނާގެ ކުންފުނިތަކަށް އިންސާފުވެރި، ހާމަކަން ބޮޑު އަދި ތަފާތު ނުކުރާ ވިޔަފާރީގެ މާހައުލެއް ގާއިމް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.