ބްލޫސް ފޯރ ވޮލީބޯލް އެކަޑަމީއަށް އެއް އަހަރު ފުރުން ފާހަގަކޮށްފި
ޕޮލިސް ކްލަބް ބުލޫސް ފޯރ ވޮލީބޯލް އެކަޑަމީއަށް 1 އަހަރު ފުރުން ފާހަގަކުރުމުގެ ހަފުލާ މާރިޗު 8 ވަނަ ދުވަހު ގަލޮޅު ވޮލީ ކޯޓުގައި ބާއްވައިފިއެވެ.
މި ހަފުލާ ފެށިގެން ގޮސްފައިވަނީ ބްލޫސް ފޯރ ވޮލީބޯލް އެކަޑަމީގައި ތަމްރީނު ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ހޮވައިލެވުނު އަންހެން ދަރިވަރުންނާއި އަންހެން ބެލެނިވެރިން އަދި ފިރިހެން ދަރިވަރުންނާއި ފިރިހެން ބެލެނިވެރިންގެ ތެރެއިން ހޮވައިލެވުނު ޓީމަކާ ދެމެދު ކުޅެވުނު ވޮލީ މެޗަށް ފަހުގައެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މި ހަފުލާގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޕޮލިސް ކުލަބުގެ ރައީސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރަޝީދު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުހުﷲ ވަޙީދު، ޕޮލިސް ކުލަބުގެ ކުރީގެ ރައީސް ރިޓަޔަރޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ނަދީމް، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަޠީފް، ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އޮޕަރޭޝަން މެނޭޖަރ އަބްދުﷲ ޒުހައިރު، އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަސަން ރިފާއު، އޯ.ޓީ.ޕީ ބައި ސޮލައިޓުގެ ޑިރެކްޓަރ އަޙްމަދު ޝިޔާމުގެ އިތުރުން ބްލޫސް ފޯރ ވޮލީބޯލް އެކަޑަމީގެ އިސް ފަރާތްތަކާއި، އެ އެކަޑަމީގައި ތަމްރީނު ހޯދަމުންދާ ދަރިވަރުންގެ އިތުރުން ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި، ބްލޫސް ފޯރ ވޮލީބޯލް އެކަޑަމީއަކީ ރާއްޖޭގައި ވޮލީ ދިރުވައި އާލާކުރުމުގެ ގޮތުން އެ ފުރުސަތު އަތޮޅުތެރޭގެ ދަރިވަރުންނަށާއި މާލެ ސަރަހައްދުގައި އެ ފުރުސަތު ލިބިފައިނުވާ ކުދިންނަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވި އެކެޑަމީއެއްކަމަށް ވިދާޅުވިއެވެ. އަދި މިއެކަޑަމިއަކީ ހުރިހާ ކުދިންނަށް ވެސް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރާނެ ތަނެއްކަމަށާއި، ހަރުދަނާ ސުލޫކެއްގެ ތެރޭގައި ތިއްބެވި، ގާބިލު ދަރިވަރުން ތަކެއްކަމުގައި އެކުދިން ހެދުމަކީ އެކަޑަމީގެ މަގުސަދުކަމަށް ވިދާޅުވިއެވެ. މިގޮތުން ރިވެތި އަހުލާގާއި، ގާނޫނާއި ގަވާއިދުތަކަށް ކުދިން އަހުލުވެރިކުރެވިގެންދާނެ ކަމަށާ ހަމައެހެންމެ ބެލެނިވެރިންގެ ފަރާތުން އެކަޑަމީއަށް ލިބެމުންދާ އެއްބާރުލެއްވުމަކީ އެކަޑަމީ ކުރިއަރައި ދިއުމުގެ އަސްލުކަން ފާހަގަކުރައްވައި ބެލެނިވެރިން ދެއްވާ އެއްބާރުލެއްވުމާއި ބައިވެރިވުމަށް ޝުކުރު ދެންނެވިއެވެ.
މި ހަފުލާގައި، ބްލޫސް ފޯރ ވޮލީބޯލް އެކަޑަމީގެ ދަރިވަރުންގެ ފަރާތުން، ތާޖުއްދީން ސުކޫލުގައި ތައުލީމު ހާސިލުކުރަމުންދާ އާއިޝަތު ޖައިޝާ ޖާވީދު ވާހަކަދައްކާފައިވެއެވެ. މިގޮތުން އެކަޑަމީގެ ވެރިންނަށާއި، ކޯޗުންގެ އިތުރުން ދަރިވަރުންނަށް ކުޅިވަރުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް ކޮށްދެއްވާ މަސައްކަތަށް ޝުކުރުއަދާކޮށް އިންޑޯ ކޯޓެއް ލިބޭނެ ދުވަހަކަށް ދަރިވަރުން އުންމީދުކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، ބެލެނިވެރިންގެ ފަރާތުން ލަތީފާ މޫސާ މި ހަފުލާގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން، އޭނާގެ ދަރިފުޅު ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށްވީ ކަމުގައިވިޔަސް ބްލޫސް ފޯ ވޮލީބޯލް އެކެޑަމީއިން އެ ކުއްޖާ ބާކީކޮށްނުލައި އެހެން ކުދިންނެކޭ އެއްފަދައިން ބަލައިގަނެ ކުޅިވަރުގެ މައިދާނުގައި އެ ދަރިފުޅު ކުރިއެރުވުމަށް ފުލުހުންގެ އިސްފަރާތްތަކުން ދެއްވި ފުރުސަތަށާއި، ޕޮލިސް ކުލަބުން ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ހަމައެއާއެކު ކުޅިވަރުގެ އިތުރުން ކިޔެވުމާއި، ދަރިވަރުންގެ ކިބައިގައި ރަނގަޅު އަހުލާގު އަށަގެނުވުމަށްޓަކައި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކޮށްފައިވެއެވެ.
މި ހަފުލާގައި، ފާއިތުވި އަހަރު 200 އަށްވުރެ ގިނަ ޕްރެކްޓިސްތަކުގައި ބައިވެރިވި ދަރިވަރުންނަށާއި 100 އަށްވުރެ ގިނަ ޕްރެކްޓިސްތަކުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.
މީގެ އިތުރުން، އެކަޑަމީގައި ކޯޗުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށާއި އެކަޑަމީއަށް އެހީތެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. އަދި ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައި ޕޮލިސް ކްލަބް އެކަޑަމީއަށް ވަރަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ހުސައިން ރިޒާއަށް ހަނދާނީ ލިއުމެއް ދީފައިވެއެވެ.
މި ހަފުލާ ނިމިގެންގޮސްފައި ވަނީ ގައުމީ ސަލާމަށްފަހު މާހެފުމަކުންނެވެ.
ބްލޫސް ފޯރ ވޮލީބޯލް އެކަޑަމީ ވުޖޫދައް އައިސްފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މި އެކަޑަމީގައި މާލޭގެ 14 ސުކޫލެއްގެ ދަރިވަރުން އަންނަނީ ތަމްރީން ހޯދަމުންނެވެ.