ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވާނެ
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، މާދަމާ 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 1:00އަށް ހަމަވާނެއެވެ.
މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ، މިދިޔަ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.
މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.
އިނާމަށް ހުށަހަޅުއްވާއިރު، ފޯމުގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވައި، އަދި ކަމާބެހޭ ހުރިހާ ލިޔުންތަކާއެކު އިނާމަށްއެދޭ ފޯމު ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަރަށް ބޮޑަށް އެދިވަޑައިގަންނަވައެވެ.
މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި "ފޯމު ހުށަހެޅުން"މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ޕޯޓަލްގެ އެޑްރެހަކީ http://apply.presidency.gov.mv އެވެ.