ރައީސުލްޖުމްހޫރިއްޔާ، ފުލުހުންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރޭ އިސްކަންދަރު ކޮށްޓަށް ވަޑައިގެންނެވުން ގާޑް އޮފް އޮނަރއެއް އަރުވާފައިވެއެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ އިތުރުން ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާ ފުލުހުންނާ އާންމު މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފުލުހުންނާ މުހާތަބްކޮށް ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެއްވުން އެއީ އެންމެ އިސްކަންދެއްވާ ކަންތައްތަކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ފަރުދީ ގޮތުން އަމިއްލަ ނަފްސު ތަރައްގީކުރުމަށާއި ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ މުއައްސަސާއެއްކަން ފާގަކުރައްވައި، ކިޔެވުމަށްފަހު ފުލުހުންގެ ޚިދުމަތާ ގުޅޭ ފަރާތްތަކާއި މިހާރު ޚިދުމަތުގައި ތިބި މުވައްޒަފުންނަށްވެސް ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަަސައްކަތްތަކެއް ކުރެވިގެންދާކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފުލުހުންގެ ފަރާތުންދެވޭ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ޚިދުމަތަކަށް ހެދުމަށް އެދިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވުޒާރާގެ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސްތުވާތަކެތީގެ ވަބާއިންނާއި ގޭންގް ކުށްތަކުން ރާއްޖޭގެ ސަލަމާތާ ރައްކާތެރިކަން ނަގަމުންދާ ނެގުން ހުއްޓުވުމަށާއި ބިދޭސީން ގާނޫނާ ގަވާއިދާ ހިލާފަށް އުޅޭއުޅުންމުން ދާހިލީ ސަލާމަތާ ރައްކާތެރިކަމަށް ލިބޭގެއްލުމުން ސަލާމަތްކުރުމަކީ އެންމެ އިސް ތިން އަމާޒުކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެދެނީ ދިވެހި ފުލުހުންގެ މައްޗަށް ދިވެހި ސަރުކާރުން ކުރަމުންދާ ހަރަދާއެއްވަރަށް އޭގެ ލާބަޔާއި މަންފާ ލިބުން ކަމަށާއި އެ ލާބަޔާއި މަންފާ ލިބުމަކީ ދިވެހި ކޮންމެ ފަރުދަކަށް ވަކި އުމުރުފުރައެއް ނެތި މަގުމައްޗަށް ނިކުންނަ ކޮންމެ މީހަކަަށް އެމީހަކު ދާންބޭނުންވާ މަންޒިލަށް އެއްވެސް ޖެހިލުމެއް ބިރުވެރިކަމެއް ނެތި ރައްކާތެރިކަމާއެކު ދެވުންކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި 24 ގަޑިއިރު މެދުކެނޑުމެއްނެތި ދެމުންގެންދާނެ ހިދުމަތެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ މުވައްސަސާއެއްގެ ކުރިއެރުން ރައްޔިތުން ވަޒަންކުރާނީ އެ މުވައްސަސާއަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުންކަމާއި ދިވެހި ފުލުހުންގެ ހިދުމަތް ދެވިގެންދާނީ އުސޫލުތަކެއްގެ މައްޗަށް ރޭވިގެން އެކުލަވާލެވޭ ސްޓްރެޓެޖިކް ޕްލޭންތަކެއްގެ މައްޗަށް ބިނާވެގެންކަމަށް ވިދާޅުވިއެވެެ. އެގޮތުން ފުލުހުންގެ 91 ވަނަ އަހަރީ ދުވަހު އިފްތިތާހު ކުރެވިދެންދާ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ގައުމަށް ނުރައްކާވާ މިންވަރަށް ބޮޑުވެފައި ހުރި މައްސަލަތަކަށް އެ ޕްލޭންގެ ދަށުން އެކަށޭނެ ހައްލުތަކެއް އަންނާނެކަމަށް ފާހަގަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ސްޓްރެޓެޖިކް ޕޮލިސިންގ ރިއުކަޔަރމަންޓް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއެވެ. އަދި ސްޓްރެޓެޖިކް ޕޮލިސިންގ ރިއުކަޔަރމަންޓް ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާނުއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ސްޓްރެޖިކް ޕޮލިސިންގ ރިކުއަރމަންޓާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ.
ސްޓްރެޓެޖިކް ޕޮލިސިންގ ރިއުކަޔަރމަންޓަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 69 ވަނަ މާއްދާގައި ވާގޮތުގެ މަތިން ވަޒީރަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާގެ ސިޔާސަތުތަކާ އެއްގޮތަށް ދިވެހި ފުލުހުންގެ ހިދުމަތް ވަޒީރުގެ ބެލުމުގެ ދަށުން ހިންގާނެ ގޮތާ ޖަވާބުދާރީ ކުރުވާނެ ގޮތް ބަޔާންކޮށްދިނުމުގެ ގޮތުން ވަޒީރު ލިޔުމުން ކަނޑައަޅައި ފުލުހުންނަށް އަންގާ ރަސްމީ ލިޔުމެކެވެ.ސްޓްރެޓެޖިކް ޕޮލިސިންގ ރިއުކަޔަރމަންޓްގައި ގައުމުގެ ހާލަތަށްބަލައި ފަރުދުންނާ މުޖުތަމައު، ނުރައްކާތެރި ކުށާއި އިންތިޒާމްވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި ފަރުދުންގެ ހައްގުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަންކަމުން އެމީހުން ސަލާމަތްކުރުމަށާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފުލުހުންގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ފުލުހުންގެ ކިބައިގައި ގާބިލްކަން އުފައްދައި ފުލުހުން ތައްޔާރުވެތިބެންޖެހޭ އަމާޒުތައް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.