ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.
ނައިބު ރައީސުންނަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅު ކަމަށްވާ ހިލާލީގެ އަށް ނައިބު ރައީސް ބަދަލުވެވަޑައިގެންފައިވާކަން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލް ވަނީ ވިދާޅުވެފައެވެ. އަދި ނައިބު ރައީސާއި އެމަނިކުފާނުގެ އާއިލާ ހިލާލީގެ އަށް ބަދަލުވެވަޑައިގަތީ އިއްޔެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ހިލާލީގެ އަށް ބަދަލުވެވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަސް ފަހުންނެވެ.
އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ހިލާލީގެ އަށް ބަދަލުވެވަޑައިގަތުން ލަސްވީ އެ ގެކޮޅު މަރާމާތުކުރަން ޖެހިފައިވާތީ އެ ކަމަށް ވަގުތު ދެއްވަން ޖެހިވަޑައިގަތުމުން ކަމަށާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ގެކޮޅުގައި އުޅުއްވިއިރު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންވެ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ނައިބު ރައީސާއި އާއިލާ ދިރިއުޅުއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު އުޅުއްވި ގޭގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ގެކޮޅުން ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގައެވެ