މާރިޗު މަހު މީރާއިން 2.94 ބިލިއަން ރުފިޔާ ބަލައިގަނެފި
މާރިޗު 2024 ގައި މީރާއަށް 2.94 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %34.4 އިތުރު އަދަދެކެވެ. އަދި، މާރިޗު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26.0 ގިނަ އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މާރިޗު 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މާރިޗު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް، ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މީގެއިތުރުން ބޭންކް އިންކަމް ޓެކުހުގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާރިޗު މަހުގެ ތެރޭގައި ދައްކައިފައިވާތީ މި މަހު ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އަދި، މާރިޗު 2023 އާއި އަޅައިބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން މާރިޗު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބަކީ، ފެބުރުވަރީ 2023 އާއި އަޅައިބަލާއިރު ފެބުރުވަރީ 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %22.2 އިތުރުވެފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.
މާރިޗު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ބޭންކް އިންކަމް ޓެކުހާއި ޖީ.އެސް.ޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން، ފެބުރުވަރީ 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު14.1% އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
މާރިޗު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 51.7% ނުވަތަ 1.52 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 20.1% ނުވަތަ 589.65 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 370.57 މިލިއަން ރުފިޔާއާއި ގްރީން ޓެކުހުގެ ގޮތުގައި 113.80 މިލިއަން ރުފިޔާ އާއި އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި106.12 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 240.62މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މާރިޗު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 119.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.