އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ‘’އޮޕަރޭޝަން ބްލޫ ޓައިޑް” ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައި އޮޕަރޭޝަން ބްރީފިންގ ދީފިއެވެ.
މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއުއެވެ.
ރަސްމިއްޔާތު ފައްޓަވައި ދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ދެއްކެވި ވާހަކަފުޅުގައި، މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުލުހުންނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވެފައިވާކަމަށް ވިދާޅުވިއެވެ. އަދި މިމަސައްކަތް ހަވާލުކުރެވިފައިވާ ޓީމުން، ވަރަށް ފުރިހަމައަށް މިމަސައްކަތްކޮށް ދެއްވާފައިވާކަން ފާހަގަކުރައްވައި، އޮޕަރޭޝަން ކޮމާންޑަރަށާއި ޓީމަށް ޝުކުރު އަދާކުރެއްވިއެވެ.
ހަމައެއާއެކު މިއަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަމާން އޮމާންކަމާއެކީ، ވޯޓްލާން އަންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާ އިންތިޚާބެއްގެ ގޮތުގައި ފަށައި، އެގޮތުގައި އިންތިޚާބުގެ ކަންކަން ނިމިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވާ ހަރަކާތަކަށްވުމާއެކު ކޮންމެ ފުލުހަކު އެފުލުހަކަށް ހަވާލުކުރެވިފައިވާ މަސައްކަތް ވަރަށް އިހްލާސްތެރިކަމާއެކު އަދާކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި ވޯޓުލާ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު ވޯޓުލާން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރައްވާއިރު ހިނިތުންވުމާއެކު ރީތި ބަހުން މުއާމަލާތްކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދިލެއްވިއެވެ. ކަނޑައެޅިފައިވާ މިންގަނޑަށް ތައްޔާރުވެގެން ޑިއުޓީއަށް ހާޒިރުވުމަށާއި ފުލުހުންގެ ތަސައްވުރަށް ކިލަނބުކަން އަންނާނެ ފަދަ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން މިފަދަ ކޮންމެ ފުރުސަތަކީ ފުލުހުންގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކުރައްވައި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެއްކުމަށް ހުޅުވިގެންދާ ދޮރަކަށްވާއިރު އެފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ފުލުހުންގެ ކިބައިން އެދިލެއްވިއެވެ.
މި ބްރީފިންގގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކަ ފުޅުގައި އިންތިޚާބުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އެކްސަސައިޒްތަކުން ދަސްވި ކަންކަމާއި ފާހަގަކުރެވުނު ކަންކަން ރަނގަޅުކޮށް، މަސައްކަތްކުރުމަށާއި ގާނޫނާއި ގަވާއިދުތަކަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވުމަށް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
މިއަދު ބޭއްވި މި ބްރީފިންގގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ރިޔާސީ އިންތިހާބުގެ އޮޕަރޭޝަން ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ޑެޕިއުޓީ ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްގެ އިތުރުން ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ. މާލޭގައި ބްރީފިންގ ކުރިއަށް ދިޔަވަގުތު .މި ބްރީފިންގގައި ރަށްރަށުގައި ތިބި ފުލުހުންގެ ވެސް ވަނީ އޮންލައިކޮށް ބްރީފިންގގައި ބައިވެރިވެފައެވެ
މި ބްރީފިންގ އާއެކު ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން “ ބްލޫ ޓައިޑް” ގެ އޮޕަރޭޝަން ފޭސްގެ މަސައްކަތްތައް މުޅި ރާއްޖޭގައި ފަށައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަކަމަށްވާ ލެވަލް 3 އަށް ވަނީ މަތިކުރެވިފައެވެ.