"މެރިޓައިމް ހަބް" ތަރައްޤީކުރުމަށް ފުރަތަމަ ސާވޭ ކޮށްފި
ލާމު އަތޮޅު ގާދުގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސާރވޭތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި "މެރިޓައިމް ހަބް" ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓަޑް (ކެމް.ސީ.އީ) އިން ލާމު ގާދޫގައި ބުދަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.
މެރިޓައިމްއާ ގުޅުންހުރި ގިނަ ޚިދުމަތްތަކާއެކު ލާމު ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ މަސައްކަތް ސީ.އޭ.އެމް.ސީ.އީ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
މި ޕްރޮޖެކްޓްގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސާރވޭގައި ސީ.އޭ.އެމް.ސީ.އީ ކުންފުނިން ބައިވެރިވި ޓީމުގައި ހަތް ތަޖުރިބާކާރުން ހިމެނެއެވެ. އަދި އެމް.ޕީ.އެލްގެ ޓެކްނިކަލް ޓީމެއްވެސް މި ސާރވޭގައި ބައިވެރިވިއެވެ.
ލާމު ގާދޫއަކީ ވެލާ ކަހަނބު ބިސްއަޅައިި، އަލާވާ ކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވާތީ، މި ކުންފުނިން "އިންޓަގްރޭޓަޑް މެރިޓައިމް ހަބް" ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި، އަދި ގާދޫގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރެވޭ ކޮންސެޕްޓަކަށެވެ. މި ޕްރޮޖެކްޓްގެ ތެރޭގައި ގާދޫގައި ވެލާ ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސަވޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށްވެސް ނިންމާފައެވެ.
މި ޕްރޮޖެކްޓްގެ ކޮންސެޕްޓްގެ މަސައްކަތްތައް ނިންމާލާނީ ތިމާވެއްޓާއި ބެހޭ ވުޒާރާ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުއެވެ.
ލ. އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓަރމިނަލްއެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމްކުރުމަށް ރާވާފައިވާއިރު، ސުޕަރ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރެވޭނެއެވެ. އަދި "އޮފް ޝޯ ބަންކަރިންގ" އަދި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިދުމަތްވެސް ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.
ލާމު ގާދޫގައި އަކީ މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރަނގަޅު ސަރަހައްދެއްގެ ގޮތުގައި ޒަމާނުންސުރެ އޮތީ ފާހަގަވެފައެވެ. އެހެން ނަަމަވެސް މިހާތަނަށް އެ ސަރަހައްުދުގައި މެރިޓައިމްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް މަސައްކަތެއް ނުކުރެވެއެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ޒަމާނީ ތަރައްގީއާއެކު ލ. އަތޮޅު އަންނަ މެރިޓައިމް ހަބްގެ ޚިދުމަތާއެކު މި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އަދި މި ޕްރޮޖެކްޓްއާއެކު ލާމު އަތޮޅުގައި ޓޫރިޒަމް ސިނާއަތް ފުޅާވެ، ވަޒީފާ އާއި ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ލާމު އަތޮޅުގެ ރަށްތަކުގައި އުފެދޭނެއެވެ.