ފުލުހުންނާއި އިމިގްރޭޝަނުން ބޭރުގެ ނަންބަރުތަކުން ނުގުޅާނެ
ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުން އަދި އިމިގްރޭޝަންގެ ނަމުގައި ގުޅަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި ގުޅަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ވީޑިއޯ ކޯލު މެދުވެރިކޮށް މިގޮތަށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް ނުވަތަ ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދެއެވެ. މިގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ވެސް މިގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން ވަނީ މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.