އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާކަން ހާމަކޮށްފި
މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލާކަން ރަސްމީކޮށް ކިލިއަން އެމްބާޕޭ އިއުލާންކޮށްފި އެވެ.
އެމްބާޕޭ، 25، މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެކަން ކުރިން ވެސް އޮތީ ޔަގީންވެފަ އެވެ. އެކަމަކު އެމްބާޕޭގެ ދުލުން އެކަން ރަސްމީކުރީ، އިއްޔެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާ ދޫކޮށްލީ ކުރު ވީޑިއޯ މެސެޖެއްގަ އެވެ.
"އަހަރެން އަބަދުވެސް ބުނަމުން އައީ ވަގުތު އައީމަ އަހަރެން މިވާހަކަ ދައްކާނަމޭ. މިއީ އަހަރެން ޕީއެސްޖީގައި ހޭދަކުރާ ފަހު ސީޒަން. އެއްބަސްވުން އަހަރެން އިތުރެއް ނުކުރާނަން. މަދު ހަފްތާތަކެއްތެރޭ އަހަރެން މި ކްލަބް ދޫކޮށްލާނެ" އެމްބާޕޭ ބުންޏެވެ.
މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ ޖޫން މަހުގެ ނިިޔަލަށެވެ. އެމްބާޕޭ ޕީއެސްޖީ ދޫކޮށް ގުޅޭނީ ރެއާލް މެޑްރިޑާކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.
"މި ކްލަބަށް ބަދަލުވުމުގެ ހިތާމަ އަހަރެން އެންމެ ވަގުތަކުވެސް ނުކުރަން. މިއީ އަހަރެންގެ މުޅި ހަޔާތުގައި ހަނދާނުގައި ބަހައްޓާނެ ކްލަބެއް" ފްރާންސް ގައުމީ ޓީމުގެ ކެޕްޓަން ބުންޏެވެ.
އެމްބާޕޭ އަކީ 255 ގޯލާ އެކު އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އާދީއްތަ ދުވަހު ލީގުގައި ޓުލޫސްއާ ދެކޮޅަށް ޕީއެސްޖީ ނުކުންނަ މެޗަކީ އެމްބާޕޭ އެ ކްލަބުގައި ކުޅޭނެ ހޯމް އެންމެ ފަހު މެޗެވެ. އޭގެފަހުން ލީގުގައި ބާކީ އޮތް ދެ މެޗު ޕީއެސްޖީ ކުޅޭނީ ރަށުން ބޭރުގަ އެވެ. އަދި، މެއި 25 ވަނަ ދުވަހު ޕީއެސްޖީ އިން ފްރެންޗް ކަޕް ފައިނަލުގައި ލިޔޯންއާ ދެކޮޅަށް ކުޅޭނެ އެވެ.
"އަހަރެން ދެން މި ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ނުހުންނާނެ. އެކަމަކު ޕީއެސްޖީގެ މެޗުތައް އަހަރެން ބަލާނަން. މިދިޔަ ހަތް އަހަރު އަހަރެން ވާނީ ވީ އެންމެ ބޮޑުވަރު ކޮށްދީފަ" ޒުވާން އުމުރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔާ ބުންޏެވެ.
އެމްބާޕޭ މޮނާކޯ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ޕީއެސްޖީގައި އެމްބާޕޭ އަށް ނުހޯދުނު ހަމައެކަނި ކާމިޔާބީއަކީ އެ ކްލަބުން އެންމެ ބޭނުންވި ޔޫއެފާ ޗެމްޕިއަންސް ލީގެވެ.
"މިއީ އުނދަގޫ ވަގުތެއް. އަހަރެން ހިއެއް ނުކުރަން ޕީއެސްޖީ ދޫކޮށްލާކަން ހާމަކުރަން މިހާ އުނދަގޫ ވާނެ ކަމަކަށް. އެކަމަކު ހަތް އަހަރަށް ފަހު އަހަރެންނަށް އާ ޗެލެންޖެއް ބޭނުންވާކަން ގަބޫލުކުރަން" ފްރާންސާ އެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ބުންޏެވެ.