އަޒަރުބައިޖާނާއެކު ސަގާފީ ރޮނގުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
ދިވެހިރާއްޖެއާއި އަޒަރްބައިޖާނާއި ދެމެދު ސަގާފީ ރޮނގުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ އަޒަރްބައިޖާންގެ ސަގާފަތާ ބެހޭ ވަޒީރު ޢާދިލް ކަރިމްލީއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުން އޮތީ އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގައި ހުންނަ އެ ގައުމުގެ ސަގާފަތާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ތަނުގައި ދެގައުމުގެ މެދުގައި ސަގާފީ ރޮނގުން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ސަގާފަތާއި ތަރިކައާ ގުޅޭ ކަންކަމުގައި ރާއްޖެއަށް ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ޢިލްމެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮަތްތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަޒަރްބައިޖާނުގެ ސަގާފަތާ ބެހޭ ވަޒީރު ވަނީ "ޝޫޝާ - ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޝޫޝާ ސިޓީގެ ތާރީޚީ އަދި ސަގާފީ މުއްސަނދިކަމާ ބެހޭ ގޮތުން ބައެއް މަޢުލޫމާތު ހިއްސާކުރައްވާފައި ވެއެވެ.
މި އަހަރު އަޒަރްބައިޖާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮޕް29" ކޮންފަރެންސާ ބެހޭ މަޢުލޫމާތު ހިއްސާ ކުރައްވަމުން ޢާދިލް ކަރިމްލީ ވިދާޅުވީ އެ ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސަގާފީ ދާއިރާއަށް ކުރާ އަސަރާއި ތިމާވެށި ހިމާޔަތްކުރުމުގައި ސަގާފަތުގެ ދައުރާ ބެހޭ ގޮތުން ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަޒަރްބައިޖާނުގެ ސަގާފަތާ ބެހޭ ވަޒީރު ވެސް ވަނީ ސަގާފީ ރޮނގުން ރާއްޖެއަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރޮކޮށްދިނުމަށާއި ދެގައުމުގެ ދެމެދުގައި ސަގާފީ ރޮނގުން ގުޅުން ބަދަހި ކުރުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.
"ޝޫޝާ - ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ވަނީ އިސެސްކޯ ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކާއެކު ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.