ބްރިޖް ހައިވޭގައި ހެލްމެޓް ނާޅައި ސައިކަލު ދުއްވި ދެ މީހަކު ޖޫރިމަނާކޮށްފި
ބްރިޖް ހައިވޭގައި ހެލްމެޓް ނާޅައި ސައިކަލު ދުއްވި ދެ މީހަކު ޖޫރިމަނާކޮށްފިއެވެ.
ދެ މީހަކު ހެލްތްމެޓު ނާޅާ ޤަވައިދާ ޚިލާފައި ބުރިޖާ ހައިވޭގައި ސައިކަލު ދުއްވާ ވިޑީއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.
މިފަދަ މީހުންނަށް އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލާ އާއްމުންގެ ގިނަ ބަޔަކު ޚިޔާލު ފާޅުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ ދެ މީހުން ޓްރެފިކް ގަވައިދާ ޚިލާފުވެފައި ވާތީ އެމީހުންނާމެދު ފިޔަވަޅު އަޅާ ޖޫރިމަނާކޮށްފައިވާކަމަށެވެ.
ހެލްމެޓު ނާޅާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ ގަވަޢިދުގެ ދަށުން ހެލްމެޓު ނާޅާ ދުއްވާ ފުރަތަމަ ފަހަރުނަމަ -/500 ރުފިޔާއިން ޖޫރިމަނާކުރާއިރު، ދެވަނަ ފަހަރަށްނަމަ -/750 ޖޫރިމަނާކުރާނެއެވެ. އަދި އެއަށްފަހު އިތުރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
މިފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ ފަރުދަކުވެސް ޒިންމާ އަދާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ގަޑިއަކު 30 ކިލޯ މީޓަރަށް ދުއްވަން ހުއްދަ ދީފައި ހުންނަ މަގުތަކުގައި ސައިކަލު ދުއްވަންޖެހޭނީ ހެލްމެޓު އަޅައިގެންނެވެ.
މި ގަވައިދުގެ ބޭނުމަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން އިތުރުކޮށް އަދި އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުން ކުޑަކުރުމެވެ.